ސަންސްކްރީން ލޯޝަނުން ފަރުތައް ހަލާކުވަނީ
ސަންސްކްރީން ލޯޝަނުން ފަރުތައް ހަލާކުވަނީ

ވަރަށް ކުޑަ ކަމަކުން ވެސް ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބިދާނެ އެވެ. ހަމަ އެގޮތަށް، ކުޑަ ކަމަކުން ވަރަށް ބޮޑު ބަދަލެއް ވެސް ގެނެވިދާނެ އެވެ. ރީތިވާން ބޭނުންކުރާ ބައެއް ޕްރޮޑަކްޓުތަކުގެ ސަބަބުން ވެސް ތިމާވެއްޓަށް ގެއްލުންތައް ލިބެ އެވެ. އޭގެ ތެރޭގައި މައިކްރޯ ބީޑްސް ހުންނަ، މޫނު ދޮންނަ ދިޔާ ސައިބޯނި ހިމެނެ އެވެ. ދިރާސާތަކުން ހާމަވާ ގޮތުގައި ސަންސްކްރީން ލޯޝަނުގައި އެކުލެވިގެންވާ މާއްދާއެއްގެ ސަބަބުން ފަރުތައް ހަލާކުވާން މެދުވެރިވެ އެވެ.

ސަންސްކްރީން ލޯޝަނުގައި ހިމެނޭ ޔޫވީ ފިލްޓަ ކުރާ މާއްދާއެއް ކަމަށްވާ "އޮކްސީބެންޒޮން"ގެ ސަބަބުން ފަރުތައް ހަލާކުވެ އެވެ. މި ކެމިކަލްގެ ސަބަބުން މުރަކަތަކުގެ ޑީއެންއޭ ވެސް ހަލާކު ކޮށްލަ އެވެ. މުރަކަތައް އުފެދި ބޮޑުވުމުގެ ފުރުސަތު ކުޑަވެ ނުވަތަ ހުއްޓެން މެދުވެރިވެ އެވެ. މި ދިރާސާ އަމާޒުކޮށްފައި ވަނީ ޓޫރިސްޓުން ގިނައިން ޒިޔާރަތްކުރާ ހަވާއީ އާއި ކެރީބިއަންގެ ރަށްތަކުގެ ފަރުތަކަަށެވެ.

ސަންސްކްރީން ލޯޝަނެއް ގަންނައިރު، އެ ބްރޭންޑުގައި ހުންނަ މާއްދާތަކުގައި "އޮކްސީބެންޒޮން" ނުހުންނަ ވައްތަރެއް ގަންނަން އިސްކަންދޭށެވެ. "މިނެރަލް ބޭސްޑް" މާއްދާ ހުންނަ ޒިންކް އޮކްސައިޑާއި ޓައިޓޭނިއަމް ޑައިއޮކްސައިޑް ހުންނަ ސަންސްކްރީން ހަންގަނޑު އިރުގެ ވަރުގަދަ ދޯދިން ސަލާމަތްކޮށްދޭނެ އެވެ.

"ޔެސް ޓު" އަދި "ބެޔާ މިނެރަލްސް" އާއި "ބިއުޓީ ކައުންޓާ" ފަދަ ބްރޭންޑްތަކުގެ ސަންސްކްރީން ލޯޝަން އަކީ ރަނގަޅު ބްރޭންޑްތައް ކަމަށް ވަނީ ބެލެވިފަ އެވެ.

ފަރުތަކުގައި ހިމެނޭ ބައެއް މުރަކަތަކަކީ މޫދުގައި މަސްމަހާމެހި އާލާވާން ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗިއްސެވެ. އަދި ފަރުތައް ވެފައި ވަނީ އިންސާނީ ތަރައްގީއާ ގުޅުން ހުރި އިގްތިސާދީ މަސައްކަތްތަކާ ވެސް ގުޅުން ހުރި އެއްޗަކަށެވެ. ނުރައްކާތެރި ބައެއް ބަލިތަކަށް ފަރުވާއެއް ހޯދަން ކުރާ މަސައްކަތުގައި ވެސް ފަރުތަކާއި މުރަކަތައް ބޭނުންކޮށްގެން ދިރާސާތައް ދަނީ ކުރަމުންނެވެ.