އޭއެފްސީ ކަޕް މެޗު މާލޭގައި އޮންނާނެ: އޭއެފްސީ
އޭއެފްސީ ކަޕް މެޗު މާލޭގައި އޮންނާނެ: އޭއެފްސީ

އޭއެފްސީ ކަޕުގައި އަންނަ އަންގާރަ ދުވަހުގެރޭ މާލޭގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗު ޝެޑިއުލްގައި އޮތްގޮތަށް ކުރިއަށްދާނެ ކަމަށް އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ނިންމައިފި އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ސީޒަން ހުޅުވުމަށް މިދިޔަ އަންގާރަ ދުވަހު ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސް ކޮށްފަ އެވެ. އެހެން ނަމަވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ އޭއެފްސީ ކަޕް މެޗު ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށް އެކަން އޭއެފްސީ އަށް އަންގައިފަ އެވެ.

އޭއެފްސީ އަށް މި މެޗު މާލޭގައި ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަންދީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި އެމްއެންޑީއެފުން ވަނީ މެޗު ކުރިއަށްގެންދެވޭ ވަރުގެ މާހައުލެއް އެބައޮތް ކަމުގެ ޔަގީންކަންދީފަ އެވެ. އަދި ބެންގަލޫރު ޓީމުގެ ސަލާމަތީ ކަންތައްތައް އެންމެ ފުރިހަމަ އަށް އިންތިޒާމް ކުރާނެ ކަމަށް ބުނެފަ އެވެ.

އެމްއެންޑީއެފުން ދިން ޔަގީންކަމާ އެކު އޭއެފްސީން ވަނީ މެޗު ކުރިއަށްދާނެ ކަމަށް ބެންގަލޫރަށް އަންގައިފަ އެވެ. ބެންގަލޫރުގެ ޗީފް ޓެކްނިކަލް ޑައިރެކްޓަރު މަންދާރު ތަމްހާނޭ ބުނީ ޝެޑިއުލާ އެއްގޮތަށް މެޗު ކުރިއަށްދާނެ ކަމަށެވެ.

"އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން މެދުވެރިކޮށް އަހަރެމެން ވާނީ އޭއެފްސީގެ ލަފަޔަކަށް އެދިފައި މި ވަގުތު މެޗު ކުޅެން ދިއުމަށް ސަލާމަތީ ފިޔަވަޅުތަށް އޮތީ ރަނގަޅަށްތޯ. އޭއެފްސީ ވަނީ މެޗު ކުރިއަށްދާނެ ކަމަށް އަހަރެމެންނަށް އަންގާފައި،" ތަމްހާނޭ ބުންޏެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގަ އަކަށް ޓީސީއާ ވާދަކުރާ ބެންގަލޫރު މި ވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. އިންޑިއަން ސުޕަ ލީގުގެ އެއް ވަނައިގައި އޮތް ބެންގަލޫރު ވަނީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުގެ ތެރެއިން ވަނީ 11 މެޗުން މޮޅުވެފަ އެވެ.

ޓީސީ އާއި ބެންގަލޫރު ކުޅޭ ފުރަތަަމަ ލެގު މާލޭގައި އަންނަ އަންގާރަ ދުވަހު ކުޅޭއިރު ދެ ވަނަ ލެގު އޮންނާނީ މި މަހު 20 ވަނަ ދުވަހު ބެންގަލޫރުގަ އެވެ.

ބެންގަލޫރު އެންމެ ފަހުން އޭއެފްސީ ކަޕްގައި މާލޭގައި ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. މާޒިޔާއާ ދެ ފަހަރު ވާދަކޮށް ބެންގަލޫރުން ކުރިހޯދިއިރު، މިދިޔަ އަހަރު އެ ޓީމު މޮޅުވީ 1-0 އިންނެވެ. އަދި 2015 ވަނަ އަހަރު މާޒިޔާ ލަނޑެއް ޖަހާފައިވަނިކޮށް ބެންގަލޫރު މޮޅުވީ ފަހަތުން އަރައި 2-1 އިންނެވެ.

ސަރުކާރުން 2015 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް ވަނީ މާލޭގައި ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންއާ ދެކޮޅަށް ކުޅެފަ އެވެ. އެ ފަހަރު އެ މެޗު ރޭގަނޑު ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް ފަހުން ސަލާމަތީ ސަބަބުތަކަށްޓަކައި ވަނީ ހަވީރު ގަޑިއަށް ބަދަލުކޮށްފަ އެވެ.