ފިހާރައެއްގައި ދަރިފުޅު ބާއްވާފައި ލޯބިވެރިޔާއާ އެކު ފިލި އިންޑިއާ މީހަކު ހައްޔަރުކޮށްފި
ފިހާރައެއްގައި ދަރިފުޅު ބާއްވާފައި ލޯބިވެރިޔާއާ އެކު ފިލި އިންޑިއާ މީހަކު ހައްޔަރުކޮށްފި

އިންޑިއާގެ ކެރަލާގެ ތިރިވަނަންތަޕުރަމްގެ 23 އަހަރުގެ އަންހެނަކު އޭނާގެ އެއް އަހަރުގެ ފިރިހެން ދަރިފުޅު ޝޮޕިން ސެންޓަރެއްގެ ބޭރަށް އެއްލާލާފައި ލޯބިވެރިޔާއާ އެކު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

ރޯޒްމޭރީ ނަމަކަށް ކިޔާ މި އަންހެންމީހާގެ ފިރިމީހާ އަކީ ބޭރު ގައުމެއްގައި މަސައްކަތް ކުރާ މީހެކެވެ. މިިދިޔަ މަހު 22 ގައި ރޯޒްމޭރީ އޭނާގެ ދަރިފުޅާއެކު ފިލީ އެވެ. އަދި ފަހުން ރޯޒްމޭރީ އޭނާގެ ދައްތައަށް ގުޅާފައި ދަރިފުޅު ޝޮޕިން ސެންޓަރެއްގެ ބޭރުުގައި ބާއްވާފައި އޮންނާނެ ކަމަށް ބުންޏެވެ. އަދި އޭނާ ރައްޓެހިވެގެން އުޅޭ 27 އަހަރުގެ ސަޖަންއާ ކައިވެނިކުރަން އޭނާއާއެކު ދަނީ ކަމަށް ވެސް ބުންޏެވެ.

އާއިލާގެ މީހުން ވަގުތުން އެ ޝޮޕިން ސެންޓަރު ކައިރިއަށް ދިޔައިރު ބޭރު ފެންޑާ މަތީގައި އެ ކުއްޖާ އޮތެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ފުލުހުން ރޯޒްމޭރީ ހޯދީ އެމީހުން ދިރިއުޅޭ އަވަށާ 25 ކިލޯ މީޓަރު ދުރުގައިވާ އަޒިމާލާ ކިޔާ ހިސާބަކުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހައްޔަރުކޮށް ސުވާލުކުރުމުން ރޯޒްމޭރީ ބުނީ ދަރިފުޅު އެއްލައިލީ ސަޖަން ބުނެގެން ކަމަށެވެ. ސަޖަން އަކީ ވައްކަން ކުރުމާއި މަނާ ހަތިޔާރު ގެންގުޅުން ފަދަ ޖިނާއީ މައްސަލަތަކުގައި ކުޑައިރުއްސުރެ އުޅެމުންދާ މީހެކެވެ.