10 ފެބުރުއަރީ 2018 - 13:15

އަތޮޅުތަކުގައި ހިންގާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ ސީއެސްއާރު ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމު އިފްތިތާހުކުރީ އިއްޔެ ހަވީރު ފ. ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އަދި އެ ރަސްމިއްޔާތުގައި، އެ ރަށުގެ އާންމުން ބޭނުންކުރާ ލައިބްރަރީއަށް ބީއެމްއެލް އިން ވަނީ ފޮތްތަކެއް ހަދިޔާކޮށްފަ އެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމުގެ ދަށުން ބޭންކުގެ ކޮންމެ ބްރާންޗަކަށް ވެސް އެ ބްރާންޗެއް ހިމެނޭ ސަރަހައްދެއްގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ދާއިރާ ތަކަކީ ހިލޭ ސާބަހަށް ކުރެވޭ މަސައްކަތްތަކާއި ތައުލީމް، ކުޅިވަރު އަދި ތިމާވެށީގެ ދާއިރާގެ މަސައްކަތްތައް ކަމަށެވެ.
އަމިއްލަ ފަރުދުންނާއި މަދަނީ ޖަމިއްޔާތަކުން، ރަށްރަށުގައި ހިންގާ މުޖުތަމައަށް ފައިދާ ހުރި ހަރަކާތްތަކުގެ ޕްރޮޕޯސަލް އެ ސަރަހައްދެއްގައި ހުންނަ ބީއެމްއެލް ބްރާންޗަކަށް ނުވަތަ[email protected]އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލަފަ އެވެ.
މިއީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެ ބޭންކުން ފަށާފައިވާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން ތައާރަފް ކުރެވުނު ޕްރޮގްރާމެކެވެ.
ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބޭންކުން ބުނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް "އަހަރެންގެ ބޭންކް"ގެ ނަމުގައި ހިންގި ކެމްޕޭންގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.