ޖޭޕީ ދައްތާގެ "ޕާލްޓަން"ގައި ޓީވީ ބަތަލާ ދިޕިކާ ކައްކަރް
ޖޭޕީ ދައްތާގެ "ޕާލްޓަން"ގައި ޓީވީ ބަތަލާ ދިޕިކާ ކައްކަރް

"ސަސުރާލް ސިމަރް ކާ"ގައި ސިމަރްގެ ރޯލު ވަރަށް ގިނަ ދުވަސް ތަކެއް ވަންދެން އަދާކުރި ދީޕިކާ ކައްކަރް އޭނާގެ ބޮލީވުޑް ދަތުރު ފަށައިފި އެވެ. ދީޕިކާގެ ފުރަތަމަ ފިލްމަކީ ޖޭޕީ ދައްތާގެ "ޕާލްޓަން" އެވެ.

ދިޕިކާ ކުރި ޓުވީޓެއްގައި ވަނީ "ޕާލްޓަން" ކުޅުމުގެ ފުރުސަތު ލިބިފައިވާކަން ޔަގީންކޮށްދީފަ އެވެ.

މި ފިލްމުގެ ޝޫޓިން އިންޑިއާގެ ޗަންދީގަރްގައި ކުރިޔަށް އެބަދެ އެވެ. މިއީ ވަރަށް ގިނަ އެކްޓަރުން އުޅޭ ފިލްމެކެވެ. މީގެ ކުރިން އީޝާ ގުޕްތާ ވެސް މި ފިލްމާ ވަނީ ގުޅިފަ އެވެ. އީޝާ ކުޅެނީ އަރްޖުން ރާމްޕާލްގެ އަންހެނުންގެ ރޯލެވެ. "ޖަންނަތު"ގެ ބަތަލާ ސޯނަލް ޗައުހާން ވެސް މި ފިލްމުގައި ބައިވެރިވެ އެވެ.

ޖޭޕީ ދައްތާ އަކީ ބޯޑަރު ބަލަހައްޓާ އިންޑިއާ ސިފައިންގެ ދިރިއުޅުމާ ގުޅޭ ވަރަށް ރީތި ފިލްމުތަކެއް އުފައްދާފައިވާ ޑައިރެކްޓަރެކެވެ. "ރެފިއުޖީ"، "ބޯޑާ"، "އެލްއޯސީ" އަކީ ޖޭޕީ ދައްތާ އުފައްދާފައިވާ މިފަދަ ބައެއް ފިލްމުތަކެވެ.

"ބޯޑަރު"ގައި އޭނާ ގެނެސްދީފައިވަނީ ހަނގުރާމައަށް ދާ ސިފައިންގެ އަނބިންނަށް ދިމާވާ ހިތްދަތި ކަންތައްތަކެވެ. ނަމަވެސް މިފަހަރުގެ ފިލްމުގައި ސިފައިންގެ މައިންބަފައިންނާއި އާއިލާގެ އެހެން މީހުންގެ ޖަޒުބާތުތައް ވެސް ގެނެސްދޭނެ ކަމަށްވެ އެވެ.

"ޕާލްޓަން"ގެ ބަތަލުންގެ ތެރޭގައި ސޯނޫ ސޫދު، އަރްޖުން ރާމްޕާލް، ޕުލްކިތު ސަމްރާޓު، ސުނިލް ޝެޓީ، ޖިމީ ޝާގިލް، ސިދާންތު ކަޕޫރު އަދި ޖެކީ ޝްރޮފް ހިމެނެ އެވެ.