"ޕެޑް މޭން" އަށް ކްރިޓިކްސްގެ މަސްހުނި ޚިޔާލުތަކެއް
"ޕެޑް މޭން" އަށް ކްރިޓިކްސްގެ މަސްހުނި ޚިޔާލުތަކެއް

އަކްޝޭ ކުމާރާއި ސޯނަމް ކަޕޫރު އަދި ރާދިކާ އަޕްޓޭގެ "ޕެޑް މޭން" ހުކުރު ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. އަދި ބޮކްސް އޮފީހުގައި ފިލްމުގެ ފެށުން ފުދޭ ވަރަކަށް ރަނގަޅެވެ. އެގޮތުން ފުރަތަމަ ދުވަހު ފިލްމު ވަނީ 100 މިލިއަން ރުޕީސް ހޯދައިފަ އެވެ.

އާރް. ބާލްކޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ބިނާކޮށްފައިވަނީ މައްސަރުކަންތައް ޖެހުމުން ސާފުތާހިރުކަން ގެންގުޅެންޖެހޭ ގޮތާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމަށެވެ. މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާގެ އަވަށެއްގެ މީހަކު އަމިއްލައަށް އީޖާދުކުރާ މެޝިނަކުން އަގުހެޔޮކޮށް ސެނިޓަރީ ޕެޑްސް އުފައްދަން ކުރާ މަސައްކަތާއި އެކަމުގެ ސަބަބުން އަންހެނުންނަށް ލިބިގެންދާ ފަސޭހަ ތަކެވެ.

ފިލްމާ ބެހޭ ގޮތުން ފާޑުކިޔުންތެރިންގެ ޚިޔާލުތައް ހުރީ ވަރަށް މަސްހުނިކޮށެވެ.

"ދަ ގާޑިއަން" އިން މި ފިލްމަށް ފަސް ތަރިން ހަތަރު ތަރި ދީފައިވެ އެވެ. އަދި މިއީ ވަރަށް ރަނގަޅު މަގްސަދެއްގައި އުފައްދާފައިވާ ހަގީގީ ލޯބީގެ ވާހަކައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ޑީއެންއޭ ނޫހުގެ ރިިވިއުގައި އަކްޝޭ އާއި ޑައިރެކްޓަރު ބާލްކީ އަށް ވަނީ ތައުރީފުކޮށްފަ އެވެ. އަދި އެމީހުން ވެސް 5-4 ތަރި މި ރިވިއުގައި ދީފައިވެ އެވެ. މި ފިލްމު އުފައްދާފައިވާ މައުލޫ އެންމެންނަށް ވެސް އެނގިފައި ވާއިރު ވާހަކަ ކިޔައިދީފައި ގޮތް ވަރަށް ޝައުގުވެރިކަމަށް މި ރިވިއުގައިވެ އެވެ. އަކްޝޭ ދޭން ބޭނުންވާ މެސެޖު ފިލްމުން ވަރަށް ފުރިހަމައަށް ދީފައިވާ ކަމަށް މި ރިވިއުގައިވެ އެވެ.

އިންޑިއަން އެކްސްޕްރެސް ރިވިއުގައި ފިލްމަށް ދީފައިވަނީ ފަސް ތަރިން ދެ ތަރި އެވެ. މި ރިވިއު ލިޔުނު މީހާއަަކަށް އެ ފިލްމު މާ ކަމުދިޔަ ކަމަކަށް ނުވެ އެވެ.

ބޮލީވުޑްލައިފުން ބުނެފައިވަނީ ފޫހި ނުވެ ބަލާލެވޭނެ ފިލްމެއް ކަމަށެވެ. މިއީ އާދައިގެ ދިރިއުޅުމުގެ ހާލަތުތަކެއް ދައްކުވައިދޭ ފިލްމަކަށް ވާތީ ފިލްމު ކަމުދާނީ މިޒާތުގެ ފިލްމު ބަލާހިތްވާ މީހުންނަށް ކަން މި ރިވިއުގައި ފާހަގަކޮށްފައިވެ އެވެ.