ދީޕކާއާ ކައިވެނިކުރާ ވާހަކަ ރަންވީރު ދޮގެއް ނުކުރި
ދީޕކާއާ ކައިވެނިކުރާ ވާހަކަ ރަންވީރު ދޮގެއް ނުކުރި

ދީޕިކާޕަދުކޯން އާއި ރަންވީރު ސިންގް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް އިންޑިއާ ޓުޑޭ އިން މި ސުވާލު ރަންވީރަށް ކޮށްފި އެވެ. މިއީ ދޮގު ވާހަކައެއް ކަމަކަށް ރަންވީރު ނުބުންޏެވެ. ނަމަވެސް ކައިވެނި އޮންނާނެ ކަމަށް ނޫސްތަކުން ބުނާ ތާރީޚުގައި އެ ކައިވެނި ކުރާނެ ކަމަކަށް ނުބުނެ އެވެ.

ރަންވީރު ބުނި ގޮތުގައި ކައިވެނިކުރާ ތާރީޚާ ގުޅޭ ވާހަކަތައް ފެތުރޭ ގޮތެއް އޭނާއަކަށް ނޭނގެ އެވެ. ނަމަވެސް ކައިވެންޏާ ދޭތެރޭ އޭނާ ވިސްނަމުން އަންނަ ކަމަށް އެއްބަސްވި އެވެ.

"އެއްވެސް ނިންމުމެއް އަދި ނުނިންމަން. ކައިވެންޏަށް މިއަހަރު ތެރޭގައި ޗުއްޓީއެއް ނެގޭނެ ހެނެއް ހިއެއް ނުވޭ. މިވަގުތު ވަރަށް ގިނަ މަސައްކަތް އެބަހުރި. މިހާރު މިއުޅެނީ 'ގަލީ ބޯއީ'ގެ ޝޫޓިންގައި ވަރަށް އަވަދިނެތި. އޭގެ ފަހުން ރޯހިތު ޝެޓީގެ ސިމްބާ އެބައޮތް. އަދި އޭގެ ފަހުން '1983 ވޯލްޑް ކަޕް' ކިޔާ ފިލްމެއް ވެސް އެބައޮތް. އެހެންވެ މިހާރު މިއުޅެނީ ހަމަ ވަރަށް ބުރަކޮށް،" ރަންވީރު ބުންޏެވެ.

ރަންވީރު އާއި ދީޕިކާ އަކީ ވަރަށް ބުރަކޮށް އުޅޭ އެކްޓަރުންނަށް ވާތީ ދުރާލާ ތައްޔާރުވެގެން ނޫނީ ކައިވެންޏަށް އެމީހުންނަށް ޗުއްޓީއެއް ހޯދޭނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީ އާއި އަނުޝްކާ ޝަރުމާ ވެސް ކައިވެނި ކުރީ ވަގުތު ނެތް ކަމަށް ބުނެ އޮޅުވާލައިފަ އެވެ.