10 ފެބުރުއަރީ 2018 - 11:09

ޕެރިސް (ފެބްރުއަރީ 10) – ރެއާލް މެޑްރިޑުން އަދި އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަބަދުވެސް އެންމެ ބޮޑެތި މެޗުތަކުގައި ނަތީޖާ ނެރޭ ކަމަށް ބުނެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ ޕީއެސްޖީގެ ކޯޗު އުނާއީ އެމެރީ އިންޒާރުދީފި އެވެ.
މި ސީޒަނުގައި މެޑްރިޑުގެ ނަތީޖާތައް ދަށްވެ އެ ޓީމު އޮތީ ސްޕެނިޝް ލީގުގެ ހަތަރު ވަނައިގަ އެވެ. އަދި އެ ޓީމު ވަނީ ސްޕެނިޝް ކަޕުން ކަޓައިފަ އެވެ. ރޮނާލްޑޯގެ ކުޅުން ވެސް މި ސީޒަނުގައި ނިސްބަތުން ދަށެވެ. ލީގުގައި ޖެހުނީ އެންމެ އަށް ގޯލެވެ.
އެމެރީ ބުނީ މެޑްރިޑު ދަށްކޮށް ނަގަން އޭނާ ބޭނުންނުވާ ކަމަށާއި ސަބަބަކީ އެ ޓީމުގެ ސްކޮޑުގައި، މުހިއްމު ވަގުތު ކުރިއަށް ނުކުންނަ ކުޅުންތެރިން ތިބުން ކަމަށެވެ.
"މި ވަގުތު ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު. އެ ޓީމު ހޯދާފައިވާ ތަށިތަކުގެ އަދަދަށް ބަލާއިރު އަދި އަދި އެ ޓީމުގައި އެންމެ މޮޅު ކުޅުންތެރިން ތިބުމުން. ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިސާލެއް. އެންމެ ބޮޑެތި މެޗުތަކުގައި އެންމެ މޮޅު ކުޅުންތެރިން ނުކުންނާނެ. އެ ޓީމުގައި އެފަދަ ކުޅުންތެރިން އެބަތިބި، އަހަރެމެންގެ ޓީމުގައި ވެސް،" އެމެރީ ބުންޏެވެ.
މިދިޔަ ދެ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ މެޑްރިޑުން ވަނީ މި މުބާރާތް 12 ފަހަރު ކާމިޔާބުކޮށްފަ އެވެ. ޕީއެސްޖީ އަށް މިހާތަނަށް އެންމެ ފަހަރަކު ވެސް އެކަން ހާސިލެއް ނުވެ އެވެ. އެކަމަކު އެމެރީ ވަނީ ސްޕެއިނުގެ ސެވިއްޔާއާ އެކު ޔުރޮޕާ ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގަ އެވެ.