10 ފެބުރުއަރީ 2018 - 10:26

ރާއްޖެ ޓީވީ އަށް ލިބުނު އިންޒާރުތަކާ ގުޅިގެން އެ ސްޓޭޝަނުގެ ބްރޯޑްކާސްޓިން މެދުކަނޑާލުމާ ގުޅިގެން އެމެރިކާ އިން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ހެތާ ނައުއާޓް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ މީހުން ބަލަމުން އަންނަ ރާއްޖެ ޓީވީ މެދުކަނޑާލަން ޖެހުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން، އެ ސްޓޭޝަނަށް އިންޒާރުދީ، ޖެއްސުންކޮށް، ބިރުދައްކަމުންދާތީ ކަމަށެވެ.
އެހެންވެ، އޭނާ ވަނީ ގާނޫނަށް ބޯލެނބުމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާއިމުކޮށް، މުއައްސަސާތަކުން ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް ޖާގަ ދިނުމަށް ގޮވާލައްވައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ރާއްޖެ ޓީވީގެ ބްރޯޑްކާސްޓިން މެދުކަނޑާލީ، އެތަނުގެ މުވައްޒަފުންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުންނާއި ފުލުހުން ރާއްޖެ ޓީވީ އަށް ދެމުން އައި ހިމާޔަތް ހުއްޓާލާފައި ވާތީ، މިނިވަން ނޫސްވެރިކަމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ އެވެ.
ރާއްޖެ ޓީވީ މެދުކަނޑާލީ، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާ މެދު އިތުރު އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
ރާއްޖެ ޓީވީ މެދުކަނޑާލުމާ ގުޅިގެން ވެރިކަން ކުރާ ޕީޕީއެމުން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އެ ޕާޓީން ބުނި ގޮތުގައި އެ ޓީވީ ސްޓޭޝަން މެދުކަނޑާލީ ގޯސް ހެދުނުކަން، އެ ސްޓޭޝަންގެ ވެރިންނަށް އަމިއްލަ އަށް ގަބޫލު ކުރެވިގެން ކަމަށެވެ.