10 ފެބުރުއަރީ 2018 - 09:39

ރާއްޖޭގެ ޑިމޮކްރަސީ އާއި ކުރިއެރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވެ ސަރުކާރުން ގާނޫނީ ހުކޫމަތަށް ރުޖޫއަވާން އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ރޭ ގޮވާލައްވައިފި އެވެ.
ކޯފީ އަނާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިނިވަން މުއައްސަސާތަކާ މެދުގައި، ޑިމޮކްރަސީގެ ރޫހާ ހިލާފަށް އަމަލުކުރަމުން ދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުނު ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން ތަބާވެފައިނުވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ފަނޑިޔާރުންނަށް ބިރު ދެއްކުން ހުއްޓާލަން ގޮވާލައްވައި ކޯފީ އަނާން ވަނީ ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި ސުޕްރީމް ކޯޓު އަމުރު ތަންފީޒު ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ސަރުކާރަށް ގޮވާލައްވައިފަ އެވެ.
މީގެއިތުރުން ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބާއްވަން ވާނީ ހަރުދަނާ މިނިވަން މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޭރު ދުނިޔެއިން މި މައްސަލައިގައި ބަލަހައްޓައިގެން ތިބެގެން ނުވާނެ ކަމަށް ވެސް ކޯފީ އަނާން ވިދާޅުވި އެވެ.
ޖަލު ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން ރާއްޖޭގެ އެންމެ މަތީ ކޯޓުން މި މަހުގެ ފުރަތަމަ ދުވަހު ނެރުނު، އަމުރު ސަރުކާރުން ތަންފީޒު ނުކޮށްގެން ކަންބޮޑުވުން ފާޅުކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީ ލަންކާ، އެމެރިކާ، ޖަރުމަން ވިލާތް އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ. މީގެ އިތުރުން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީ އާއި އެމްނެސްޓީ ފަދަ ޖަމާއަތްތައް ވެސް ހިމެނެ އެވެ.
އެއްވެސް ޝަރުތެއް ނެތި، އެ ހުކުމް ތަންފީޒު ކުރަން ގޮވާލަމުން ދަނިކޮށް، ސަރުކާރުން ވަނީ އެ އަމުރު ތަންފީޒުނުކޮށް، ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ހައްޔަރުކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކުރުމަށް ކުރިން ކުރި އަމުރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލުކޮށްފަ އެވެ. މި ފިޔަވަޅުތަކާ ހެދި ސަރުކާރަށް ކުރިމަތިކުރާ ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފަ އެވެ.