10 ފެބުރުއަރީ 2018 - 07:00

ފައިވާން ބަހައްޓާފައި ވަންނަ ތަންތަނުގެ ދޮރުމަތި އޮންނަނީ ކިހިނެއްހެއްޔެވެ؟ ތަރުތީބުން ބަހައްޓާފައިވާ ފައިވާނަށްވުރެ ގިނަވާނީ ހަމައެއް ލަމައެއް ނެތި އުކާލާފައިވާ ފައިވާންތަކެކެވެ. ޖަޕާނަކީ މި ކަހަލަ ހުރިހައި ކަމަކާ މެދު އެހެން މީހުންނަށް ވުރެ މަތީ ފެންވަރެއްގައި ވިސްނާ ބަޔަކު އުޅޭ ގައުމެކެވެ. މިފަހަރު ޖަޕާނުން އުފަންވި އީޖާދަކީ އަމިއްލައަށް ތަރުތީބުވާ ފައިވާނެވެ.
ކާރު އުފައްދާ ނީސާން ކުންފުނީގެ ޕްރޯޕައިލަޓް ޓެކްނޮލޮޖީގެ އެހީގައި އުފެއްދި ފައިވާން، ޖަޕާންގެ ހޮޓަލެއްގައި މެހެމާނުންނަށް ދޫކުރަން ތައްޔާރުވަމުން އެބަދެއެވެ. ޖަޕާންގެ ވެރިރަށް ޓޯކިޔޯގެ ހުޅަނގު ދެކުނުގައި އޮންނަ ރަށެއް ކަމަށްވާ ހަކޯނޭގައި، އަންނަ މަހު ހުޅުވާ މި ހޮޓަލަށް ދާ މީހުން ޖެހެނީ ލޮބީއާ ހިސާބުން ހޮޓަލުން ދޫކުރާ ފައިވާނަށް އަރާށެވެ. ބޭނުންކޮށް ނިމުމުން ހުންނަންވާ ތަނަށް ފައިވާން ދާނެ އެވެ. ކޮންމެ ފައިވާނެއްގެ ވެސް ދަށްފުށުގައިވާ ކުޑަކުޑަ ދެފުރޮޅު ނުކުންނަނީ ފިތަކަށް އޮބާލައިގެންނެވެ. ހުންނަންވާ ތަނަށް އެނބުރި ދަނީ މިފުރޮޅުގައި ދުއްވާފައެވެ. މީގައި ހަރުކޮށްފައިވާ ސެންސަރަކުން، ޕާކްކުރަންވީ ތަން ނުވަތަ ފައިވާން ބަހައްޓަންވީ ތަން އަންގައިދެއެވެ.
ޕްރޯޕައިލަޓް ޕާކް ހޮޓަލުގެ އިޝްތިހާރު ވީޑިޔޯއަކުން، އަމިއްލަ ހާލުގައި ދަތުރުކުރާ ތަން ފެންނަނީ ހަމައެކަނި ފައިވާނެއް ނޫނެވެ. މެހެމާންދާރީ ފުރިހަމަކުރުމަށްޓަކައި ކުދި ބާލީހާއި މޭޒާއި ރިމޯޓު ވެސް އަމިއްލައަށް ދުވާ ތަން ފެނެއެވެ. ފުރޮޅުލައިގެން މިތަކެތި ދުވަނީ ކުޑަކުޑަ ފިތަކަށް ފިތާލުމުންނެވެ.
ޕްރޯޕައިލަޓްއަކީ އަމިއްލައަށް ޕާކްކުރާ ގޮތަށް ނީސާން މަރުކާގެ ކާރުތަކުގައި ބޭނުން ކުރަމުން އައި ޓެކްނޮލޮޖީއެކެވެ.