ވައިޓްބޯޑާއި ފްލިޕްޗާޓު އެއް ސްކްރީނަކަށް
ވައިޓްބޯޑާއި ފްލިޕްޗާޓު އެއް ސްކްރީނަކަށް

ބައްދަލުވުންތަކާއި ކޮންފަރަންސްތަކުން ވައިޓްބޯޑު ގެއްލޭނެ ދުވަހެއް އަތުވެދާނެހެއްޔެވެ؟ އިލެކްޓްރޯނިކް ތަކެތި އުފައްދާ ކުންފުނިތަކުން އަންނަނީ މިކަމަށް މަސައްކަތް ކުރަމުންނެވެ. ގޫގްލް ޖޭމްބޯޑާއި މައިކްރޮސޮފްޓް ސާފަސް ހަބް އަކީ މީގެ މިސާލުތަކެވެ. ވައިޓބޯޓުގެ ދައުރު މުޅިން ނައްތާނުލައި ސެމްސަންގުން ޖަހާލީ އެއްދޮނުގައި ދެބުޅިއެވެ.

ސެމްސަންގް ފްލިޕްއަކީ ވައިޓްބޯޑާއި ފްލިޕްޗާޓުގެ ޒިންމާ އެއް ބޯޑަކުން ފުއްދާލެވޭ 55 އިންޗީގެ ސްކްރީނެކެވެ. ފުރޮޅުލީ ހަރެއްގައި މި ބޯޑު ހުރަހަށް ނޫނީ ދިގަށް ވެސް ބަހައްޓާލެވެއެވެ. ބޭނުން ނަމަ ވައިޓްބޯޑެއްގައި ކުރެހުން އަޅާހެން ކުރަހަމުން ކުރަހަމުން ގެންދަންވީއެވެ. ފޮހެލަން ބޭނުން ނަމަ "ސްވައިޕް" ކޮށްލައިގެން ފޮހެންވީއެވެ.

ފްލިޕްޗާޓުގައި ލިޔާއިރު ގަނޑު އުކާހެން ފަހަރަކު ގަނޑެއްގައި ލިޔަމުން ލިޔަމުން ގެންދަންވީއެވެ. މީގައި 20 ސަފުހާ ލިޔާނެ ޖާގަ ހުރެއެވެ. ލިޔަމުން ދަނިކޮށް އެހެން ސަފުހާއެއްގައި، ކުރިން ލިޔުނު ބަހެއް ނުވަތަ ޖުމުލައެއް ހޯދަން ޖެހިއްޖެ ނަމަ ސާޗުކޮށްގެން ހޯދޭ ގޮތެއް އޮވެއެވެ. ބައްދަލުވުން ނިމުމުން، ބޯޑުގައި ހުރި ހުރިހައި އެއްޗެއް ސެންޓްރަލް ޑޭޓާބޭހަކަށް ރައްކާކުރެވޭނެއެވެ. ނޫން ނަމަ އަމިއްލަ ބޭނުމަށް ވަކި ޑިވައިސް އަކަށް ކަހާލެވެއެވެ.

މިބޯޑުގެ އެންމެ ހާއްސަ އެއް ކަމަކީ ވައިފައިއާ ގުޅޭ ގޮތަށް ހުރުމެވެ. ނެޓްވޯކްތެރެއަށް ވަނުމުން އެހެން ޑިވައިސްތަކުން މި ބޯޑާ ގުޅުވައިދެއެވެ. އެއްވެސް ސަބަބަކާ ހުރެ ބައްދަލުވުމުގައި އަމަލީ ގޮތުން ބައިވެރި ނުވެވުނަސް ތިމާގެ އަތުގައި އޮންނަ ޑިވައިސް މެދުވެރިކޮށް، ބޯޑުގައި ހުރީ ކޮން ވާހަކަތަކެއްކަން ބަލައިލެވެއެވެ. ބާކީވާކަށް ނުޖެހެއެވެ.

ސެމްސަންގުން އަދިވެސް އަންނަނީ މި ބޯޑު އިތުރަށް ފުރިހަމަކުރަމުންނެވެ. މިއަހަރު ފަހުކޮޅު "ސެމްސަންގް ފްލިޕް" ބާޒާރުން ލިބެން ހުންނާނެ ކަމަށް އުއްމީދުކުރެވެއެވެ.