09 ފެބުރުއަރީ 2018 - 19:36

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ހަރަކާތްތެރިވި ބޭރުގެ ދެ ނޫސްވެރިއަކު އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ އިމިގްރޭޝަނާ މިއަދު ހަވާލުކުރީ އިންޑިއާ ނޫސްވެރިއަކާއި އިނގިރޭސިވިލާތުގެ ނޫސްވެރިއެކެވެ. ބޭރުގެ ބައެއް މީޑިއާތަކުގައިވާ ގޮތުން އެ ދެ ނޫސްވެރިންނަކީ އެސޯސިއޭޓެޑް ފްރާންސް ޕްރެސް (އޭއެފްޕީ) އަށް ނިސްބަތްވާ ދެ ނޫސްވެރިންނެވެ.
އެ ދެ މީހުން އިމިގްރޭޝަނާ ހަވާލުކުރީ އިމިގްރޭޝަން ގާނޫނާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން ދިއުމުން ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައިވެ އެވެ. ރާއްޖޭގައި ނޫސްވެރިއެއްގެ ގޮތުގައި ބޭރުގެ ބަޔަކަށް ހަރަކާތްތެރިވެވެނީ އެކަމަށް ޚާއްސަ ވިސާއެއް ހޯދުމަށް ފަހު އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރުމުން ބޭރު ގައުމުތަކުގެ ސަމާލު ކަމަށް ރާއްޖެ ވަނީ އައިސްފަ އެވެ. ކުއްލި ހާލަތު އުވާލުމަށް ބައެއް ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.