14 ޖުލައި 2016 - 13:08

ވިއެނާ (ޖުލައި 14) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ޖިހާދު ކުރުމަށް މީހުން ފޮނުވާ އޮސްޓްރިއާގެ ނެޓްވޯކެއްގެ އިސް މީހަކު 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.
އުމުރުން 34 އަހަރުގެ މީހާ ވަނީ އުމުރުން 14 އަހަރާއި 30 އަހަރުގެ އެތައް ބައެއްގެ ބޯކާލައިގެން ސީރިއާ އަށް ފޮނުވާފައި ކަމަށް ޕްރޮސެކިއުޓަރުން ބުނެ އެވެ. އަބޫ ތެޖްމާ ނަމަކަށް ކިޔާ މީހާ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ އިރު ޓެރަރިސްޓް ހަމަލާ ދިނުމަށް އޭނާ ހިތްވަރު ދޭ ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެ އެވެ. އޭނާގެ ޝަރީއަތް ފަށާފައި ވަނީ ފެބްރުއަރީ މަހު އެވެ.
ތެޖްމާ އަކީ ޔޫގޮސްލޭވިއާ ބައިވުމުން ބޮސްނިއާގައި އުޅުމަށް ފަހު ވިއެނާ އަށް ހިޖުރަކުރި މީހެކެވެ. އަދި އޭނާ ވަނީ އޮސްޓްރިއާ އާއި ޖަރުމަނުގެ ބައެއް ސިޓީތަކުގައި ދީނީ ގޮތުން ތަގްރީރުކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާ ހައްޔަރުކުރީ 2014 ވަނަ އަހަރު އޮސްޓްރިއާގައި ޓެރަރިސްޓް ނެޓްވޯކްތައް ހޯދުމަށް ހިންގި އޮޕަރޭޝަނެއްގަ އެވެ.
ސީރިއާ އަށް ޖިހާދަށް މީހުން ފޮނުވުމުގައި ބައިވެރިވި ދެ ވަނަ މީހަކު ވެސް ވަނީ 10 އަހަރަށް ޖަލަށް އޮސްޓްރިއާގައި ހުކުމްކޮށްފަ އެވެ. ޖިހާދަށް ދިއުމަށް ހިތްވަރު ދިނުމުގެ ބައެއް މައްސަލަތައް އޮސްޓްރިއާގައި މިހާރު ވެސް ކުރިއަށް އެބަދެ އެވެ.
އޮސްޓްރިއާގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި ޖިހާދީ ހަރަކާތްތަކާ 250 ވަރަކަށް މީހުން ގުޅިފައިވާނެ އެވެ. ޖިހާދަށް ގޮސް އައިއެސްއާ ގުޅިގެން ހަނގުރާމަ ކުރަނިކޮށް އޮސްޓްރިއާގެ ގާތްގަނޑަކަށް 40 މީހުން މަރުވެފައިވާނެ ކަމަށް އެ ގައުމުގެ ދާޚިލީ ވުޒާރާ އިން ލަފާކުރެ އެވެ.