09 ފެބުރުއަރީ 2018 - 16:55

ބަންޖުލް (ފެބްރުއަރީ 9) - ދެހާސް ތޭރަ ވަނަ އަހަރު ކޮމަންވެލްތުން ވަކިވި ގެމްބިއާ އަލުން އެ ޖަމާއަތާ ގުޅިއްޖެ އެވެ.

ހުޅަނގު އެފްރިކާގެ ގައުމުން ކޮމަންވެލްތާ އަލުން ގުޅިފައި މި ވަނީ އެ ގައުމުގައި މިދިޔަ އަހަރު ބޭއްވި ޑިމޮކްރެޓިކް އިންތިޚާބަށް ފަހު ވެރިކަމަށް ވަޑައިގެންނެވި އާ ރައީސް އަދަމާ ބަރޯގެ ޒައާމަތުގަ އެވެ. ކުރީގެ ރައީސް ޔަހްޔާ ޖައްމާހު ވަނީ ކޮމަންވެލްތަކީ އިސްތިއުމާރީ ބާރުތައް ފުޅާ ކުރާ ޖަމާއަތެއް ކަމަށް ވިދާޅުވެ އޮކްޓޯބަރު 2013 ގައި ކޮމަންވެލްތުން ވަކިވެފަ އެވެ.

އާ ރައީސް ބަރޯ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދެ މަސް ފަހުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ގެމްބިއާ އަލުން ކޮމަންވެލްތުގައި ބައިވެރިކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ބަރޯ އަށް ވެރިކަމަށް ވަޑައިގެންނެވުނީ، އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް ޔަހުޔާ ޖައްމާހު ވެރިކަން ދޫކޮށްލަން އެތައް ދުވަހަކު ދެކޮޅު ހެދުމަށް ފަހު އެވެ. ގެމްބިއާގައި 22 އަހަރު ވެރިކަން ކުރެއްވި ޖައްމާހު މަގާމު ދޫކޮށްލަން އެއްބަސްވީ ސަރަހައްދީ ގައުމުތަކުގެ ސިފައިން ގެމްބިއާ އަށް އަރާ ހިސާބަށް ދިއުމުންނެވެ.
ގެމްބިއާ އަލުން ކޮމަންވެލްތާ ގުޅުމާ އެކު އެ ޖަމާއަތުގެ މެންބަރުންގެ އަދަދު 53 އަށް އަރާނެ އެވެ. އަދި އަންނަ އެޕްރީލް މަހު ލަންޑަނުގައި ބާއްވާ ކޮމަންވެލްތު ސަމިޓަށް ގެމްބިއާ އަށް ދައުވަތު ދޭނެ އެވެ.
ގެމްބިއާ ކޮމަންވެލްތާ އަލުން ގުޅުން ފާހަގަ ކުރުމަށް ލަންޑަނުގައި ހުންނަ އެ ޖަމާއަތުގެ ހެޑްކުއާޓަރު، މަލްބަރޯ ހައުސްގައި ވަނީ އެ ގައުމުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފަ އެވެ.
"ކޮމަންވެލްތު އާއިލާ އިން 2013 ވަނަ އަހަރު ގެމްބިއާ ވަކިވުމުން މެންބަރު ގައުމުތަކުން ހިތާމަކުރި. ކޮމަންވެލްތާ ގެމްބިއާ އަލުން ގުޅޭނެ ވަގުތަކަށް މެންބަރުން ދިޔައީ އިންތިޒާރު ކުރަމުން. އަދި ރައީސް ބަރޯ އެ ގޮތަށް ނިންމެވުމުން އުފާކުރަން،" ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ވިދާޅުވި އެވެ. "ގެމްބިއާ ކޮމަންވެލްތާ އަލުން ގުޅުމަށް މެންބަރު 52 ގައުމުން ވަނީ އިއްތިފާގުވެފައި."
ކޮމަންވެލްތުގެ މެމްބަރަކަށް ގެމްބިއާ ފުރަތަމަވީ އިނގިރޭސިންގެ ބާރުގެ ދަށުން 1965 ވަނަ އަހަރު މިނިވަންވުމާ އެކު އެވެ.