ބަޖެޓް ފާސްކޮށް އެމެރިކާ ސަރުކާރު ހުއްޓުމުން ސަލާމަތްކޮށްފި
ބަޖެޓް ފާސްކޮށް އެމެރިކާ ސަރުކާރު ހުއްޓުމުން ސަލާމަތްކޮށްފި

ވޮޝިންޓަން (ފެބްރުއަރީ 9) - ބުރާސްފަތި ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށް އެމެރިކާގެ ފެޑެރަލް ބަޖެޓް ފާސް ނުކުރެވި ސަރުކާރު އަނެއްކާވެސް ގަޑިއިރުތަކަކަށް ހުއްޓިފައި އޮތުމަށް ފަހު ކޮންގްރެސް އިން މިއަދު ބަޖެޓް ފާސްކޮށް ސަރުކާރު ސަލާމަތް ކޮށްފި އެވެ.

ކޮންޒަވެޓިވް ސެނޭޓަރުންގެ ދެކޮޅު ހެދުންތަކާ އެކު ރޭ ބަޖެޓް ފާސްނުވި ނަމަވެސް ދެ ޕާޓީގެ މެދުގައި އެއްބަސްވުމަކަށް އައިސް ބަޖެޓް ފާސްވީ ހައުސްގެ 240-186 ވޯޓުންނެވެ. ސެނެޓާއި ހައުސް އިން ބަޖެޓް ބިލް ފާސްކުރުމާ އެކު ދެން އޮންނާނީ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ބިލްގައި ސޮއި ކުރެއްވުމެވެ.

މިއީ ތިން ހަފުތާ ތެރޭ އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައި ދެ ވަނަ ފަހަރެވެ. ބަޖެޓް ފާސްނުވުމުގެ ސަބަބުން އެމެރިކާ ސަރުކާރު ޖެނުއަރީ މަހު ވަނީ ތިން ދުވަހަށް ހުއްޓުމަކަށް އައިސްފަ އެވެ.

ބަޖެޓް ފާސްކުރަންޖެހޭ ސުންގަޑި ފަހަނަޅައި ދިޔައީ އިމިގްރެންޓްސް އަށް ހިމާޔަތް ދިނުމުގައި ބަޖެޓުގައި ގޮތްތަކެއް ކަނޑައެޅުމުގައި ޑިމޮކްރެޓިކުން ޑިމާންޑް ކުރި ކަންކަމަށް އަލި މަގެއް ނުފެނުމުންނެވެ. ޅައިރު އެމެރިކާ އަށް ހިޖުރަކޮށް ވަކި ޕްރޮގްރާމެއްގެ ދަށުން ރައްކާތެރިކަން ލިބިފައިވާ "ޑްރީމާސް"ގެ ހައްގުގައި ވަނީ ޑިމޮކްރެޓިކް މައިނޮރިޓީ ލީޑަރު ނެންސީ ޕެލޮސީ، އަށް ގަޑިއިރު ހައުސްގައި ވާހަކަ ދައްކަވައިފަ އެވެ.

ބަޖެޓް ފާސްނުވެ އެމެރިކާ ސަރުކާރު ވަނީ 2013 ވަނަ އަހަރު 16 ދުވަހަށް ހުއްޓިފަ އެވެ.