09 ފެބުރުއަރީ 2018 - 12:12

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި އަންނަ އަންގާރަ ދުވަހު މާލޭގައި ޓީސީ ސްޕޯޓްސް ކްލަބާއި ބެންގަލޫރު އެފްސީ ކުޅޭ މެޗު ކުރިއަށް ގެންދިއުމަަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހުގެރޭ 15 ދުވަހުގެ މުއްދަތަކަށް ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން އެފްއޭއެމުން ވަނީ އަންގާރަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ބަައްދަލުކުރާ އެފްއޭ ޗެރިޓީ ޝީލްޑް މެޗު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ އޭއެފްސީ ކަޕް މެޗު ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވީ ނަމަވެސް އަޅުގަނޑުމެންނަށް ވަނީ އޭއެފްސީ ކަޕް މެޗު ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށް އަންގާފައި. އަޅުގަނޑުމެން ވާނީ އެކަން އޭއެފްސީ އަށް ވެސް ހިއްސާ ކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ޖަވާ ވިދާޅުވީ ސީޒަން ހުޅުވާ މެޗު ކުޅޭނެ ތާރީހެއް އަންނަ އާދިއްތަ ދުވަހު ބާއްވާ ބައްދަލުވުމަށް ފަހު ނިންމާނެ ކަމަށެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގަ އަކަށް ޓީސީއާ ވާދަކުރާ ބެންގަލޫރު މި ވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. އިންޑިއަން ސުޕަ ލީގުގެ އެއް ވަނައިގައި އޮތް ބެންގަލޫރު ވަނީ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން ވަނީ 10 މެޗުން މޮޅުވެފަ އެވެ.
ބެންގަލޫރު އެންމެ ފަހުން އޭއެފްސީ ކަޕްގައި މާލޭގައި ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. މާޒިޔާއާ ދެ ފަހަރު ވާދަކޮށް ބެންގަލޫރުން ކުރިހޯދިއިރު، މިދިޔަ އަހަރު އެ ޓީމު މޮޅުވީ 1-0 އިންނެވެ. އަދި 2015 ވަނަ އަހަރު މާޒިޔާ ލަނޑެއް ޖަހާފައިވަނިކޮށް ބެންގަލޫރު މޮޅުވީ ފަހަތުން އަރައި 2-1 އިންނެވެ.
ސަރުކާރުން 2015 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް ވަނީ މާލޭގައި ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންއާ ދެކޮޅަށް ކުޅެފަ އެވެ. އެ ފަހަރު އެ މެޗު ރޭގަނޑު ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް ފަހުން ސަލާމަތީ ސަބަބުތަކަށްޓަކައި ވަނީ ހަވީރު ގަޑިއަށް ބަދަލުކޮށްފަ އެވެ.