ނައިޖީރިއާގެ ބޯޓެއް ޖެއްސިތަނުން އިމަޖެންސީ ދޮރު ވެއްޓިއްޖެ
ނައިޖީރިއާގެ ބޯޓެއް ޖެއްސިތަނުން އިމަޖެންސީ ދޮރު ވެއްޓިއްޖެ

އަބޫޖާ (ފެބްރުއަރީ 9) - ނައިޖީރިއާގެ މަތިންދާ ބޯޓެއް ޖެއްސިތަނުން އެ ބޯޓުގެ އިމަޖެންސީ ދޮރު ވެއްޓިއްޖެ އެވެ.

ލާގޯސް އިން ވެރިރަށް އަބޫޖާ އަށް ދަތުރުކުރި ޑާނާ އެއާގެ ބޯޓުގެ އިމަޖެންސީ ދޮރު ވެއްޓިފައި ވަނީ ރަންވޭގައި ބޯޓު ޓެކްސީ ކުރަނިކޮށެވެ. ނަމަވެސް އެއާލައިނުން ބުނެފައި ވަނީ ދޮރު ވެއްޓިފައި ވަނީ ޕަސިންޖަރަކު ކުރި ކަމަކުން ކަމަށެވެ. އަދި އެއީ މެކޭނިކަލް މައްސަލައަކުން ދިމާވި ކަމެއް ނޫން ކަމަށް އެއާލަައިނުން ބުނެ އެވެ. އެކަމަކު އެއް ޕަސިންޖަރަކު ބީބީސީ އަށް ބުނެފައި ވަނީ އެއްވެސް މީހަކު ދޮރާ ނުކުޅޭ ކަމަށެވެ.

"ފްލައިޓުގެ ދަތުރުގައި ވެސް ބޯޓުގެ ފްލޯ ވަރަށް ބޮޑަށް ވައިބްރޭޓްވެ އަޑުގަދަ. އިމަޖެންސީ ދޮރުގެ ހެޗު ވެސް ދޫވެފައިވާކަން ފާހަގަ ކުރެވުނު،" ލާގޯސް އިން ދަތުރުކުރި ޕަސެންޖަރެއް ކަމަށްވާ ޑާޕޯ ސަންވޯ ބުންޏެވެ. "ބޯޓު ޕާކް ކުރުމަށް ޓެކްސީ ކުރަމުން ދިޔައިރު ބާރު އަޑުފައްގަނޑެއް ވެސް އިވުނު. ވަރަށް ބިރުގަތް."

އޭނާ ބުނީ ބޯޓުގެ ކެބިން ކްރޫން އުޅުނީ ދޮރު ވެއްޓުނީ ޕަސިންޖަރަކު ކުރިކަމަކުން ކަމަށް ދައްކަން ކަމަށެވެ. އަދި ވެއްޓުނު ދޮރު ފޮޓޯ ނަގާ ވީޑިއޯ ކުރުން ވެސް ކްރޫން އޮތީ މަނާކޮށްފައި ކަމަށް އޭނާ ބުންޏެވެ.

ޑާނާ އެއާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދަތުރުގައި ބޯޓުގެ ދޮރަށް އެއްވެސް މައްސަލައެއް ދިމާވިކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެއީ ކްރޫއަކު ނުވަތަ ޕެސެންޖަރަކު ހުޅުވަން މަސައްކަތް ކުރުމުން ނޫނީ ހުޅުވޭނެ ދޮރެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.

އެއާލައިނުން ބުނީ އިންޖިނޭރުންގެ ޓީމަކާއި ނައިޖީރިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވެސް ބޯޓު ޗެކްކޮށްފައިވާ ކަމަށާއި ދޮރުގައި މައްސަލައެއް އުޅޭ ކަމަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

ޑާނާ އެއާގެ ބޯޓެއް 2012 ވަނަ އަހަރު ލާގޯސް އަށް ވެއްޓި ބޯޓުގައި ތިބި 153 މީހުން ވަނީ މަރުވެފަ އެވެ. ވައިގެ ދަތުރު ފަތުރުގެ ސަލާމަތާ ބެހޭ ގޮތުން ނައިޖީރިއާގައި އޮތީ ފަގީރު ރެކޯޑެކެވެ. އަބޫޖާގެ އެއާޕޯޓް މިދިޔަ އަހަރު ވަނީ ހަ ހަފުތާ އަށް ބަންދުކޮށްގެން ރަންވޭގެ ބޮޑު މަރާމާތެއް ވެސް ކޮށްފަ އެވެ.