14 ޖުލައި 2016 - 12:30

ޑާކާ (ޖުލައި 14) - ބަންގްލަދޭޝްގެ ކެފޭ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ގެއްލުނު މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ ކެފޭން ހައްޔަރު ކުރި ދެ ރަހީނުން ކަމަށްވާ ހަސްނަތު ކަރީމް އާއި ތަހުމީދު ޚާން ގެއްލުމުން ކަންބޮޑުވާ ކަމަށެވެ. އެ މީހުން އެނބުރި ނާންނަ ކަމަށް އާއިލާ އިން ވެސް ވަނީ ބުނެފަ އެވެ. ކަރީމް އަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. ޚާން އަކީ ބަންގްލަދޭޝްގެ އުފަން ކެނެޑާ މީހެކެވެ. މި ދެ މީހުންނަކީ ކޮމާންޑޯ އިން ކެފޭ އަށް ވަނުމުގެ ކުރިން ކެފޭ އިން ސަލާމަތްވި 13 ރަހީނުންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ.
ހަމަލާގައި ކެފޭ އިން ވަނީ 20 ރަހީނުންނާއި ފުލުހުންގެ ދެ މީހުން މަރުވެފަ އެވެ. މަރުވި ރަހީނުންގެ ތެރޭގައި އިޓަލީގެ ނުވަ މީހުންނާއި ޖަޕާނުގެ ހަތް މީހުންނާއި އެމެރިކާ މީހަކާއި އިންޑިއާ މީހެއް ހިމެނެ އެވެ.
ފުލުހުންގެ އޮފިސަރަކު ބުނީ ދެ މީހުން ހައްޔަރު ކުރީ ތުހުމަތަކާ ގުޅިގެން ސުވާލު ކުރުމަށް ކަމަށާއި އެކަމަކު އެ މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ނެތް ކަމަށެވެ. ކަރީމްގެ އަންހެނުން ވެސް ބުނީ ފިރިމީހާގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށެވެ. މި ދެ މީހުންގެ އާއިލާ އިން ބުނީ އެ މީހުންނާ ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ކެފޭ އަށް ހަމަލާ ދިން މީހުންނަކީ ބަންގްލަދޭޝްގެ ކޮލެޖްތަކުން ކިޔަވާފައިވާ އަދި ތަނަވަސް އާއިލާތަކަށް ނިސްބަތްވާ މީހުންނެވެ.