08 ފެބުރުއަރީ 2018 - 16:23

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޝާޔަން ޝާހިދު އެ މަގާމުން ސަސްޕެންޑް ކޮށްފިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި، ޕީއެސްއެމްގެ ބައެއް މުވައްޒަފުން ބުނީ އިއްޔެ ޝާޔަން ސަސްޕެންޑްކޮށް ޕީއެސްއެމްގެ ހުރިހާ ސޯޝަލް މީޑިއާ ގުރޫޕުތަކުން ވެސް ބޭރުކޮށްފައިވާ ކަމަށެވެ.
ޝާޔަންއާ ގުޅުމުން އޭނާ ވިދާޅުވީ "މިވަގުތު އަޅުގަނޑަށް ވާހަކަ ދެއްކެން ނެތް" ކަމަށެވެ.
ޕީއެސްއެމް 2014 ގައި އުފެއްދި ފަހުން އެ ކުންފުނީގެ ގަވާނިން ބޯޑަށް އައްޔަންކުރި ޝާޔަން ސަސްޕެންޑްކުރުމާ ބެހޭ ގޮތުން ޕީއެސްއެމްގެ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އެކަމަކު ޕީއެސްއެމްގެ މުވައްޒަފަކު ބުނީ ޝާޔަން ސަސްޕެންޑް ކުރުމާއި ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ކޯޓު އަމުރަށް ފަހު ގެނައި ކަވަރޭޖާ ގުޅުމެއް ވެދާނެ ކަމަށެވެ.
އެހެން މުވައްޒަފަކު ބުނީ އެރޭގެ ކަވަރޭޖްގައި ހުސް ޕީޕީއެމްގެ ސައިޑު ގެނެއުމުން އެކަމާ ޝާޔަން ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި ކަމަށެވެ.
ޝާޔަން އަކީ ޕީއެސްއެމް އިން ގެނެސްދޭ މަޝްހޫރު ޝޯ މޯލްޑިވިއަން އައިޑޮލްއާ ހަވާލުވެ ހުންނެވި އެންމެ އިސް މުވައްޒަފެވެ.
ޕީީއެސްއެމްގެ ގާނޫނު ބުނާ ގޮތުން ގަވާނިން ބޯޑުގެ މެމްބަރަކު މެމްބަރުކަމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލިހުންނެވެ. އެކަމަކު ބޯޑު މެމްބަރުންގެ ތެރެއިން ނަގާ މެނޭޖިން ޑިރެކްޓަރާއި ދެ ޑިޕިިއުޓީ މެނޭޖިން ޑިރެކްޓަރުން، ބޯޑުގެ ހަތް މެމްބަރުންގެ އަގުލަބިއްޔަތުން ވަކިކުރެވޭނެ އެވެ.
ޑިޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޝާޔަން ވަކިކުރިކަމެއް އަދި ނޭނގެ އެވެ.