08 ފެބުރުއަރީ 2018 - 16:30

ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށް ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިއްޔެ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކޮށް ދޫނިދު އަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ. މީގެ އިތުރުން، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށް ވެސް މައުމޫންގެ މައްޗަށް ތުހުމަތު ކުރެ އެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މައުމޫން "ފްރޭމްކޮށް" ޖަލަށް ލީ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ޒިންމާދާރުކުރުވަން ފެއްޓެވި އިސްލާހީ މަސައްކަތްޕުޅަށް ހުރަސް އެޅުމަށެވެ. އެކަމަކު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ދުންޔާ މިކަން ގަބޫލެއް ނުކުރައްވަ އެވެ.
އިންޑިއާގެ ނޫހަކަށް ދުންޔާ ދެއްވި އިންޓަވިއުއެއްގައި، ބައްޕާފުޅު ޖަލަށް ލުމުގެ ޒިންމާ އެޅުއްވީ ނަޝީދުގެ އިސްތަށިފުޅުގަ އެވެ. މައުމޫނަށް މިހާރު ކުރިމަތިވެވަޑައިގަންނަވާ ކަންކަމަކީ، އެ ކަމަނާ ވިދާޅުވި ގޮތުގައި، ނަޝީދުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ.
ދުންޔާ މިހެން ވިދާޅުވިއިރު، ރައީސް ޔާމީންގެ ސަރުކާރު ހަމަ މަގަށް އަޅުވަން ކަމަށް ވިދާޅުވެ މައުމޫން ކުރައްވާ މަސައްކަތްޕުޅުގައި ދުންޔާ އެއްބާރުލުން ނުދެއްވައި، ސަރުކާރުގައި މަސައްކަތް ކުރައްވަމުން ގެންދަވާތީ އޭނާ އަށް އިދިކޮޅު ފަރާތްކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއަށް ފަހު، ފޭސްބުކްގައި އާއްމުކުރެއްވި ވީޑިއޯއެއްގައި ދުންޔާ ވިދާޅުވީ ބައްޕަ ޖަލުގައި އޮންނަވާތީ އާއިލާ އިން ވަރަށް ކަންބޮޑުވާ ކަމަށެވެ.
"އަޅުގަނޑުގެ ބައްޕަ މިހާރު ވަނީ ދޫނިދޫ ކަސްޓޯޑިއަލްގައި ތިން ރޭ ހޭދަކުރައްވާފައި. އަޅުގަނޑު ހަމަ ބުނަން ބޭނުންވަނީ، އަޅުގަނޑުމެން ވަރަށް ކަންބޮޑުވެއޭ ބައްޕަ އެތާ އޮންނަވަން ޖެހޭތީވެ،" ދުންޔާ ވިދާޅުވި އެވެ.
މައުމޫނަކީ 30 އަހަރު ރާއްޖޭގައި ވެރިކަން ކުރައްވައި ގައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަން ފާހަގަކުރައްވައި ވިދާޅުވީ "މިފަދަ ދުވަހެއް ފެންނާނެ ކަމަށް ހީވެސް ނުކުރަން" ކަމަށެވެ.
"އަޅުގަނޑުގެ އުއްމީދާއި ދުއާއަކީ ވީއެންމެ އަވަހަކަށް ބައްޕަ އަނބުރާ ގެއަށް ވަޑައިގަތުން،" ދުންޔާ ވިދާޅުވި އެވެ.