08 ފެބުރުއަރީ 2018 - 14:17

ޑާކާ (ފެބްރުއަރީ 8) - ކޮރަޕްޝަނުގެ ކުށް ސާބިތުވި ކަމަށް ބަލާ ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ ފަސް އަހަރަށް ޖަލަށްލާން މިއަދު ހުކުމް ކޮށްފި އެވެ.

ބަންގްލަދޭޝްގައި ދެ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރެއްވި ޒިޔާ، 72، ގެ މައްޗަށް ހުކުމްކޮށްފައި ވަނީ ޔަތީމުޚާނާއަކަށް ކަނޑައެޅި ފައިސާ ނެންގެވި ކަމުގެ ކުށުގަ އެވެ. އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރުގެ މައްޗަށް ވަނީ ޔަތީމް ޚާނާ އިން 252،000 ޑޮލަރު ނެންގެވި ކަމަށް ތުހުމަތުކޮށްފަ އެވެ. ޚާލިދާ ވިދާޅުވެފައި ވަނީ މިއީ ސިޔާސީ ގޮތުން އެކަމަނާގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ. މި ހުކުމާ ގުޅިގެން މި އަހަރު ބާއްވާ ޕާލަމެންޓްރީ އިންތިޚާބުގައި އެކަމަނާ އަށް ވާދައެއް ނުކުރެއްވޭނެ އެވެ.
ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ ޚާލިދާގެ މައްޗަށް ތުހުމަތުކުރި ކަންކަން ކޯޓަށް ސާބިތުވުމާއި އެކަމަނާގެ އިޖްތިމާއީ އަދި ޖިސްމާނީ ހާލަތަށް ބަލާ ގާނޫނުލް އުގޫބާތުގެ 409 އަދި 109 ވަނަ މާއްދާ އަށް ރިޔާއަތްކޮށް ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށެވެ.
މި މައްސަލާގައި ހިމެނޭ ޚާލިދާގެ ދަރިކަލުން ތޯރިގް ރަހުމާން އާއި އިތުރު ހަތަރު މީހެއްގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމް އިއްވައިފަ އެވެ.
ކޯޓުން ހުކުމް އިއްވުމުގެ ކުރިން ވަނީ އިދިކޮޅު އެކްޓިވިސްޓުންނާއި ސަލާމަތީ ފަރާތްތަކާ ދެމެދު ކުރިމަތިލުންތައް ހިންގައިފަ އެވެ. އެއްވުން މައިތިރި ކުރަން ކަރުނަ ގޭސް ޖެހިއިރު ފަސް ފުލުހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި ބައެއް ސައިކަލްތަކުގައި ވަނީ ރޯކޮށްލައިފަ އެވެ.