ފްލެޓް ލިސްޓް އާންމު ވުމުން ވެސް އޭސީސީ ހިމޭނުން!
ފްލެޓް ލިސްޓް އާންމު ވުމުން ވެސް އޭސީސީ ހިމޭނުން!

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުން އަލަށް ދޫކުރި ފުލެޓްތައް، ދަށުން މާކްސް ލިބުނު މީހުންނަށް ދީފައިވާކަން ހާމަވާ ލިސްޓެއް އާންމު ވުމުން ވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެއްޗެއް ނުބުނާތީ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ލީކްކޮށްލި ލިސްޓުގައިވާ ގޮތުން ޝަރުތު ހަމަވި 259 މީހަކު ލިސްޓުން އުނިކުރުމަށް ފަހު ޝަރުތު ހަމަނުވާ 261 މީހަކަށް ފްލެޓް ދީފައިވެ އެވެ. އެ ލިސްޓުގައި ފްލެޓް ލިބުނު މީހުންގެ ނަމާއި އެޑްރެސް އަދި ފޯމް ނަމްބަރާއި އައިޑީ ކާޑު ނަމްބަރު ވެސް ހިމަނާފައިވެ އެވެ. އެކަމަކު ހައުސިން މިނިސްޓްރީން ބުނަނީ އެއީ ސައްހަ ލިސްޓެއް ނޫން ކަމަށެވެ.

ފްލެޓްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، މައްސަލަ ބަލައި ދިނުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އޭސީސީ އަށް ބަޔަކު ހުށަހެޅި އެވެ. އެކަމަކު އެ މައްސަލަ އަދިވެސް ބަލާ ނުނިމެ އެވެ.

ފަހުން ލީކްވި ލިސްޓާ ގުޅިގެން އޭސީސީން މައްސަލަ ބަލާތޯ ސާފްކުރުމަށް ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ނައީސް މުއައްވިޒް ރަޝީދުގެ އިތުރުން މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅައި މެސެޖު ކުރުމުން ވެސް ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ފުލެޓަށް ކުރިމަތިލައި، މަތިން މާކްސް ލިބުނު ބައެއް މީހުން ބުނީ ފުލެޓް ދިނީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމުގެ ހެކިތައް ހާމަވި އިރު ވެސް އޭސީސީން އެ މައްސަލަ ނުނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ނުހައްގުން ފްލެޓް ލިބުނު ކަމަށް ބެލެވޭ މީހުންނާ ވެސް، އޭސީސީގެ ތަހުގީގު ކުރިއަށް ދަނިކޮށް ވަނީ ފްލެޓް ހަވާލުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އެތަންތަނުގައި ދިރިއުޅެން ވެސް ވަނީ ފަށައިފަ އެވެ.

ހައްގު ގެއްލުން ކަމަށް ބުނެ އޭސީސީ އަށް މައްސަލަ ހުށަހެޅި ބައެއް މީހުން ދަނީ އެކަމާ ވެސް ޝަކުވާ ކުރަމުންނެވެ.