ޑޯޓްމަންޑްގެ ސީއީއޯ ކުޅުންތެރިންނަށް އިންޒާރުދީފި
ޑޯޓްމަންޑްގެ ސީއީއޯ ކުޅުންތެރިންނަށް އިންޒާރުދީފި

ޑޯޓްމަންޑް (ފެބްރުއަރީ 9) - ބޮރޫޝިއާ ޑޯޓްމަންޑްގެ ކުޅުންތެރިއަކު ޓީމު ދޫކޮށްލަން ބޭނުންވެއްޖެނަމަ އެ ކްލަބަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި އެ ގޮތަށް އަމަލު ނުކޮށްފިނަމަ ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެ ޑޯޓްމަންޑްގެ ސީއީއޯ ހަންސް-ޔަކީމް ވަޓްޒޭ އެ ޓީމުގެ ކުޅުންތެރިންނަށް އިންޒާރެއް ދީފި އެވެ.

ސީޒަން ފެށުމުގެ ކުރިން ފްރާންސްގެ ވިންގާ އޮސްމާނޭ ޑެމްބެލޭ ބާސެލޯނާ އަށް ބަދަލުވިއިރު، އޭނާ ވަނީ އެ ދުވަސްކޮޅުގައި ޑޯޓްމަންޑް ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ހަދައިފަ އެވެ. އަދި ވޭތުވެދިޔަ ޓްރާންސްފާ މާކެޓްގައި ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އާސެނަލަށް ބަދަލުވުމުގެ ކުރިން ގަސްދުގައި ޑޯޓްމަންޑްގެ މެޗުތަކުގައި ދަށްކޮށް ކުޅެފައިވާ ކަމަށް މީޑިއާ އިން ވަނީ ތުހުމަތުކޮށްފަ އެވެ.

"ދެން އަހަރެމެން ޓީމުން ކުޅުންތެރިޔަކު ދާން ބޭނުންވެގެން ގަސްދުގައި ދަށްކޮށް ކުޅެފިނަމަ ނޫނީ ޕްރެކްޓިހަށް ނައިސް ހަޅުތާލުކޮށްފިނަމަ ފަސޭހައެއް ނުވާނެ. އެ ކުޅުންތެރިއަކު ބޭނުންވާ ކަމެއް ހާސިލެއް ވެސް ނުވާނެ. އޭގެ ބަދަލުގައި އެ ކުޅުންތެރިއަކު ހުންނަން ޖެހޭނީ ކުޅިބަލަން،" ޖަރުމަނުގެ ނޫހަކަށް ވަޓްޒްކޭ ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އާސެނަލަށް ބަދަލުވުމަށް އޮބާމަޔަން މަސައްކަތްކުރި ގޮތުން އޭނާ އަށް ކުރިން ޑޯޓްމަންޑަށް ކުޅުނު މިހާރު މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ވަނީ ފާޑުކިޔައިފަ އެވެ.

"އޮބާމަޔަން ކަންތައް ކުރި ގޮތަށް ކުރާކަށެއް އަހަންނަކަށް ނުކެރޭނެ. އަހަރެން ޑޯޓްމަންޑް ދޫކޮށްލަން އުޅުނުއިރު ސަޕޯޓަރުން އަހަންނަށް ވެސް ފާޑުކީ. އެ ހުރިހާ ކަމަކަށް ވިސްނައިގެން ހުރެ ވެސް ކްލަބަށް އަހަރެންގެ 100 ޕަސެންޓް ދިނިން،" އޮބާމަޔަންއާ އެކު ތިން ސީޒަނުގައި ޑޯޓްމަންޑަށް ކުޅުމަށް ފަހު ސިޓީ އަށް 2016 ވަނަ އަހަރު ބަދަލުވި ގުންޑޮގާން ބުންޏެވެ.

އޮބާމަޔަން އާސެނަލަށް ގެންނަން އެންމެ މަސައްކަތްކުރި އެއް ކުޅުންތެރިޔަކީ މެންޗެސްޓާ ޔުނައިޓޭޑް ދޫކޮށް ނިމިދިޔަ ޓްރާންސްފާ މާކެޓްގައި އާސެނަލާ ގުޅުނު ހެންރިކް މިކިތާރްޔަން އެވެ. މިކިތާރްޔަން އަކީ ކުރިން ޑޯޓްމަންޑަށް ކުޅުނު ކުޅުންތެރިޔެކެވެ.