14 ޖުލައި 2016 - 12:50

ދިވެހި ސަރުކާރާއި ޝަރުއީ ދާއިރާގެ އިސް ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އިނގިރޭސިވިލާތުން ވިސްނަމުން ދާތީ އިދިކޮޅު އެމްޑީޕީން އެ ކަމަށް މިއަދު ތާއީދުކޮށް، މަރުހަބާ ކިޔައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސަރުކާރާއި ޝަރުއީ ދާއިރާ އިން ދަނީ ގާނޫނުން ބޭރުން އަމަލުކޮށް، އިންސާނީ ހައްގުތަކަށް އަރައިގަނެ، އަނިޔާވެރިކަމާއި ބޭއިންސާފު އިސްކުރަމުންނެވެ. އެއީ ރާއްޖޭގެ ޑިމޮކްރެސީ ނެތިކޮށްލަން ކުރާ ކަންކަން ކަމަށާއި އެ ފަދަ އަމަލުތައް އިތުރުވަމުން ދާ ކަމަށް އެ ޕާޓިން ބުންޏެވެ.
"އެ އަމަލުތައް ހިންގާ ވަކިވަކި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ރާއްޖޭގެ ރައްޔިތުންނާއި ޑިމޮކްރެސީ ސަލާމަތްކޮށް، ރައްކާތެރި ކުރުމަށް މުހިއްމު ކަމެއް ކަމުގައި އެމްޑީޕީން ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ދިވެހި ސަރުކާރާއި ރާއްޖޭގެ ޝަރުއީ ދާއިރާގެ ބައެއް އިސް ފަރާތްތަކަށް އިނގިރޭސިވިލާތަށް ދަތުރު ނުކުރެވޭ ގޮތް ހަދަން ވިސްނަމުން އަންނަ ކަމަށް އެ ގައުމުން ވަނީ އިއްޔެ ބުނެފަ އެވެ.
"ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުންނާއި އެ ގައުމުގެ ޝަރުއީ ދާއިރާގެ ބައެއް އިސް ފަރާތްތަކާ ދެކޮޅަށް އެކްސްކްލޫޝަން އޯޑަރު ނެރެން މި ދަނީ ވިސްނަމުން،" އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން އެންޑް ކޮމަންވްލެތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ވިދާޅުވި އެވެ.
އެކްސްކްލޫޝަން އޯޑަރަކީ އިނގިރޭސިވިލާތަށް އެތެެރެވުން މަނާކޮށް އެ ގައުމުގެ ހާރިޖިއްޔާ އިން ނެރޭ އަމުރެކެވެ. މި އަމުރުގައި އެ ރައްދުވާ ފަރާތުގެ އިތުރުން އޭނާގެ އާއިލާ އާއި ގުޅުން ހުރި ފަރާތްތައް ހިމެނުމުގެ އިހުތިޔާރު ވެސް ލިބިގެންވެ އެވެ.
އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރުގެ ވަކިވަކި އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަަޅު އަޅަން އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ އަށް ވެސް ބާރު އަޅުމުންނެވެ. އެކަމާ ގުޅިގެން، މީގެ ކުރިން އެމެރިކާގެ ސެނެޓުން ވަނީ ރާއްްޖެ އަށް ފިޔަވަޅު އަޅަން ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ. އެ ފަދަ އެހެން ގަރާރެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އަނެއްކާ ވެސް ފާސްކުރަން އުޅޭ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.
މިހާރު އެންމެ ބޮޑަށް ރާއްޖެ އަށް ބޭރުގެ ޕްރެޝަރު އޮތީ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތުމަށް ފަހު އެކަން ކުރަން އުޅޭ މައްސަލައިގަ އެވެ. އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
މިކަން ވެސް ގޮސް ގުޅެނީ ބޭރުގެ ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދާ ޝަރުއީ ނިޒާމުގެ އިންސާފުވެރިކަމާއި މިނިވަންކަމާ އެވެ. އިނގިރޭސިވިލާތުން މިހާރު ހިމާޔަތް ދީފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެ ނޫން ވެސް އިދިކޮޅު ސިޔާސީ ބޭފުޅުންނަށް ކޮށްފައިވާ ޝަރީއަތްތަކާ ގުޅިގެން ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވަމުން ދެ އެވެ. އަދި ފަރުދުންގެ ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެ ވެސް ބޭރުގެ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެކަމަކު، ސަރުކާރުން އިއްޔެ ވެސް ބުނީ އެކި މައްސަލަތަކުގައި ބޭރު ގައުމުތަކުން ރާއްޖެ އަށް އަންގާ އެންގުންތަކާއި ދައްކާ ވާހަކަތަކަކީ ސަރުކާރަށް ކުރިމަތިވާ ޕްރެޝަރެއް ނޫން ކަމަށެވެ.