ޕަރިނީތީ ރާއްޖޭގައި ޗުއްޓީ ހޭދަކުރާތީ ފޭނުން ކަންބޮޑުވެއްޖެ
ޕަރިނީތީ ރާއްޖޭގައި ޗުއްޓީ ހޭދަކުރާތީ ފޭނުން ކަންބޮޑުވެއްޖެ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާއިރު ޕަރިނީތީ ޗޯޕްރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރާތީ އޭނާގެ ފޭނުން ވަރަށް ކަންބޮޑުވެއްޖެ އެވެ.

ރާއްޖެއަކީ މިހާރު ހުންނަން ރައްކާތެރި ތަނެއް ނޫން ކަމަށާއި އެނބުރި އައުމަށް ވެސް ބައެއް ފޭނުން އެދިފައިވެ އެވެ. ނަމަވެސް ފޭނުންގެ މެސެޖުތަކަކަށް ޕަރިނީތީ އެއްވެސް ޖަވާބެއް ނުދެ އެވެ.

ޕަރިނީތީ ޖަވާބު ނުދިނަސް އޭނާ އިންސްޓަގްރާމްކޮށްފައިވާ ބައެއް ފޮޓޯތަކަށް ކޮމެންޓު ކުރި ބައެއް މީހުން ވަނީ ފޭނުން ހާސްވާ ވަރުގެ ކަމެއް ރާއްޖޭގައި ނެތް ކަމަށް ބުނެ ރާއްޖޭގެ ހާލަތު ބުނެދީފަ އެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންނަށް މުޅިން އަމާން ތަނެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގައި ނަގާފައިވާ ރީތި ފޮޓޯތައް ޕަރިނީތީ ޕޯސްޓްކުރަމުންދާތާ މިހާރު ދެ ތިން ދުވަސް ވެއްޖެ އެވެ. ޕަރިނީތީގެ ޓުވީޓްތަކުން އެނގޭ ގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަނީ ސަން އައިލެންޑްގަ އެވެ.

"އަހަންނަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބެނީ ޑައިވް ކޮށްލާފައި އަރާ ވަގުތު. ހިތް ބާރުބާރަށް ތެޅުނަސް ވަރަށް އަރާމު އެހާމެ އަމާން އިހްސާސެއް ކުރެވޭ،" ޕަރިނީތީގެ ޓުވީޓްގައިވެ އެވެ.

ޑައިވް ކުރުމުގައި އޭނާއަށް އެހީތެރިވެދޭ ޑައިވިން އިންސްޓްރަކްޓަރަށާއި އިތުރު ބައެއް މީހުންނަށް ވެސް ޕަރިނީތީގެ އެހެން ޓުވީޓެއްގައި ޝުކުރު އަދާކޮށްފައިވެ އެވެ.

ޕަރިނީތީގެ ޓުވީޓްތަކުން ޔަގީންވަނީ އޭނާ ރާއްޖޭގައި ހޭދަކުރަމުންދާ ދުވަސް ތަކަކީ ވަރަށް އުފާވެރި ދުވަސް ތަކެއް ކަމެވެ.

ޕަރިނީތީގެ އެންމެ ފަހު ފިލްމު "ގޯލްމާލް އެގެއިން" ވަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ އަރްޖުން ކަޕޫރާއެކު ކުޅޭ "ސަންދީޕް އައުރު ޕިންކީ ފަރާރް" ގައެވެ. ދެން އެންމެ އަވަހަށް ފަށާނީ އަކްޝޭ ކުމާރާއެކު ކުޅޭ "ކެސާރީ" އެވެ.