ހައި ކޯޓުގެ ރަޖިސްޓްރާ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ހައި ކޯޓުގެ ރަޖިސްޓްރާ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހައި ކޯޓުގެ ރަޖިސްޓްރާގެ މަގާމު ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ހަސަން އަލީ މިދިޔަ އޭޕްރީލް މަހު މަގާމުން ވަކި ކުރުމުންނެވެ. އޭނާ އެ މަގާމުން ވަކި ކުރުމުން މިއަދާ ހަމައަށް ވެސް ރަޖިސްޓްރާގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރަނީ ހައި ކޯޓުގެ އެހެން ބޭފުޅެކެވެ.

ހައި ކޯޓުން މިއަދު ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. ގާނޫނު އޮންނަ ގޮތުން އެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ހައި ކޯޓުގެ އިސް ފަނޑިޔާރެވެ.

އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 28،000ރ. އަށް ވުރެ ގިނައިން ލިބޭނެ އެވެ. ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ހައި ކޯޓުގެ ރަޖިސްޓްރާއަކަށް ހުންނަވާ ބޭފުޅަކީ ދަށު ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ޝަރުތު ހަމަވާ ބޭފުޅަކަށް ވާންޖެހޭނެ އެވެ.

ރަޖިސްޓްރާއަކީ އިސް ފަނޑިޔާރާއި ފަނޑިޔާރުން ފިޔަވައި، ކޯޓުގައި ދެން އެންމެ އިސްކޮށް ހުންނަވާ ބޭފުޅާ އެވެ. ހުށަހެޅޭ މައްސަލަތަކަކީ ކޯޓަށް އިހްތިސާސް އޮތް މައްސަލަތަކެއްތޯ ބަލައި، މައްސަލަތައް ބަލައިގަނެ، ރަޖިސްޓްރީ ކުރުން ފަދަ ކަންކަމަކީ ރަޖިސްޓްރާގެ ބެލުމުގެ ދަށުން ހިނގާ ކަންކަމެވެ.