08 ފެބުރުއަރީ 2018 - 12:53

ވޮޝިންޓަން (ފެބްރުއަރީ 8) - އިމިގްރެންޓްސްގެ ހައްގުގައި އެމެރިކާގެ ކޮންގްރެސްގައި އަށް ގަޑިއިރުގެ ދިގު ތަގްރީރެއް ހައުސްގެ ޑިމޮކްރެޓިކް މައިނޮރިޓީ ލީޑަރު ނޭންސީ ޕެލޮސީ ދެއްވައިފި އެވެ.
މިއީ ހައުސްގެ މެންބަރަކު ދެއްވި މިހާ ދިގު ތަގްރީރު ކަމަށްވެ އެވެ. އަންނަ މަހު 78 އަހަރު ފުރޭ ކެލިފޯނިއާގެ ތަޖްރިބާކާރު ޑިމޮކްރެޓިކް ވާހަކަ ދައްކަވަން ފެއްޓެވީ ހެނދުނު 10:04 ގަ އެވެ. އޭގެ ފަހުން އެކަމަނާ މެދުކެނޑުމެއް ނެތި ވާހަކަ ދެއްކެވީ އެވެ. ވާހަކަ ނިންމަވާލެއްވީ ހަވީރު 6:11 ގަ އެވެ. އަށް ގަޑިއިރާއި ހަތް މިނިޓުގެ ތަގްރީރުގައި ފެން ނޫން އެއްޗެއް ނުބައްލަވަ އެވެ. ހައުސްގައި ކިތަންމެ ދިގުކޮށް ވާހަކަ ދެއްކުމަކީ ވެސް ޕާޓީތަކުގެ ލީޑަރުންނަށް މަނާ ކަމެއް ނޫނެވެ.
ހައުސްގެ ހިސްޓޯރިއަން އޮފީހުން ބުނެފައި ވަނީ އެ މީހުންނަށް އެނގިފައިވާ ގޮތުގައި މިއީ ހައުސްގެ މެންބަރަކު ދެއްވި އެންމެ ދިގު ތަގްރީރު ކަމަށެވެ. މީގެ ކުރިން އެންމެ ދިގުކޮށް ހައުސްގައި ވާހަކަ ދައްކަވާފައި ވަނީ 1909 ވަނަ އަހަރު ފަސް ގަޑިއިރާއި 15 މިނިޓް އިރެވެ.
ޕެލޮސީގެ ތަގްރީރު މައިގަނޑު ގޮތެއްގައި ބިނާ ކުރެއްވީ އެމެރިކާގައި ދިރިއުޅޭ އިމިގްރެންޓްސް އާއި ޅަ އިރު އެ ގައުމަށް ހިޖުރަކޮށް އެ ގައުމުގައި ދިރިއުޅޭ "ޑްރީމާސް" ޑިޕޯޓް ކުރަން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ތައާރަފް ކުރި ޑިފާޑް އެކްޝަން ފޯ ޗައިލްޑްހުޑް އެރައިވަލްސް ޕްރޮގްރާމުގެ ދަށުން ޑްރީމާސް އަށް ވަނީ ހިމާޔަތް ދީފަ އެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ސެޕްޓެމްބަރު މަހު ވަނީ މި ޕްރޮގްރާމް ހުއްޓަވާލައްވާ އެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކޮންގްރެސް އަށް ހުށަހަޅުއްވައިފަ އެވެ. މާޗު 5 ކުރިން ކޮންގްރެސް އިން ގޮތެއް ނުނިންމައިފި ނަމަ ދުވާލަކު 1،000 މީހުން ޑިޕޯޓްކޮށްލުމުގެ ބިރު ބޮޑެވެ.
ރިޕަބްލިކަން ބައެއް މެންބަރުން ވަނީ ތަޅުމުގެ ވަގުތު ޕެލޮސީ އެހާ ބޮޑަށް ބޭނުން ކުރެއްވުމުން ފާޑު ވިދާޅުވެފަ އެވެ.