ދީޕިކާ އާއި ރަންވީރުގެ ވެސް ޑެސްޓިނޭޝަން ވެޑިންއެއް؟
ދީޕިކާ އާއި ރަންވީރުގެ ވެސް ޑެސްޓިނޭޝަން ވެޑިންއެއް؟

ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ލޯބީގެ ވާހަކައަކީ މިހާރު ސިއްރެއް ނޫނެވެ. މި ދެ ތަރިން ފާޅުގައި މި ވާހަކަ މީޑިއާގައި ނުދެއްކިޔަސް އެމީހުން އުޅޭ ގޮތުން ވެސް މިކަން ވަރަށް ރަނގަޅަށް އަންނަނީ ހާމަވަމުންނެވެ. ފަހުގެ ރިޕޯޓްތައް ބުނަނީ މިއަހަރު ތެރޭގައި މި ދެ ތަރިން ކައިވެނި ކުރަން ރާވަމުން އަންނަ ކަމަށެވެ. އަދި އެމީހުން ގަސްތުކުރަނީ އިންޑިއާ އިން ބޭރުގެ ގައުމެއްގައި ކައިވެނި ކުރާށެވެ.

ދީޕިކާ އާއި ރަންވީރަކީ ބީޗް ދެކެ ވަރަށް ލޯބިވާ ބަޔަކަށް ވާތީ ބީޗެއްގައި ކައިވެނިކުރަން ރޭވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މި އަހަރުގެ މެދެއްހާ ހިސާބުގައި ކައިވެނި ކުރުމަށް ފަހު މުމްބައި އާއި ބެންގަލޫގައި ކައިވެނީގެ ރިސެޕްޝަންތައް ބޭއްވުމަށް ރާވަމުން އަންނަ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ސަބަބަކީ ދީޕިކާގެ މައިންބަފައިންނާއި އާއިލާގެ މީހުން ދިރިއުޅެނީ ބެންގަލޫރުގައި ކަމަށް ވާތީ އެވެ.

ވަރަށް ފަހުން ދީޕިކާ ކުރެން ނޫސްވެރިއަކު އޭނާގެ ލޯބީގެ ގުޅުން ދަނީ ކޮން މިސްރާބަކަށްތޯ ސުވާލުކުރުމުން އޭނާ ވެސް ކުރީ ސުވާލެކެވެ. އެ ގުޅުން ދެން ދާން އޮންނާނީ ކޮން މިސްރާބަކަށްތޯ އެހި އެވެ އޭނާ ބުނި ގޮތުގައި އެއްވެސް ކަމެއް އަދި ޔަގީނެއް ނޫނެވެ. ކޮންމެ ގުޅުމެއް ވެސް ތަރައްގީ ވަމުން އަންނާނީ އޭގެ ޒާތުގައި ކަމަށާއި އަދި އަމިއްލަ ވުޖޫދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ކަމަށް ދީޕިކާ ބުންޏެވެ.