އިންޑިއާގެ ހައްޖު ކޯޓާ ސައުދީން އިތުރު ކޮށްދީފި
އިންޑިއާގެ ހައްޖު ކޯޓާ ސައުދީން އިތުރު ކޮށްދީފި

ރިޔާޒް (ފެބްރުއަރީ 8) - އިންޑިއާ އިން ހައްޖަށްދާ މީހުންގެ ކޯޓާ ސައުދީ ސަރުކާރުން އިތުރު ކޮށްދީފި އެވެ.

ސައުދީ އަށް މިހާރު ވަޑައިގެން އުޅުއްވާ އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވަނީ، ހައްޖު ކޯޓާ އިތުރުކޮށް ދިނުމުން ޝުކުރު އަދާ ކުރައްވައިފަ އެވެ. ސައުދީގައި މިހާރު ކުރިއަށްދާ ސަގާފީ ފެސްޓިވަލެއް ކަމަށްވާ އަލް ޖަނަދަރިޔާގައި އިންޑިއާ އަށް ވަނީ ޚާއްސަ މެހެމާނެއްގެ ފުރުސަތު ދީފަ އެވެ.

އިންޑިއާ އިން ހައްޖަށް ދާ މީހުންގެ ކޯޓާ އަށް މި އަހަރުން ފެށިގެން 5،000 މީހުން ސައުދީން މިދިޔަ މަހު ވަނީ އިތުރުކޮށްދީފަ އެވެ. ސައުދީން މިދިޔަ އަހަރު ވެސް ވަނީ އިންޑިއާގެ ހައްޖު ކޯޓާ އިތުރުކޮށްދީފަ އެވެ.

އިންޑިއާގެ ހައްޖު ކޯޓާ އިތުރުކޮށްދޭން ސައުދީން ނިންމީ އިންޑިއާގެ ޔޫނިއަން މައިނޮރިޓީ އެފެއާޒް މިނިސްޓަރު މުޚްތާރު އައްބާސް ނަގްވީ އާއި ސައުދީ ހައްޖު އެންޑް އުމްރާ މިނިސްޓަރު މުހައްމަދު ސާލިހު ބިން ތާހިރު ބަންތަންއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ. އާ ކޯޓާގެ ދަށުން އިންޑިއާ އިން 1.75 ލައްކަ މީހުންނަށް މިހާރު ހައްޖަށް ދެވޭނެ އެވެ. ސައުދީން މިދިޔަ އަހަރު ވަނީ އިންޑިއާގެ ހައްޖު ކޯޓާ އަށް 35،000 މީހުން އިތުރުކޮށްދީފަ އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދަތުރުގައި ވަނީ ސައުދީ ރަސްގެފާން ސަލްމާން އާއި ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރުއާ ބައްދަލު ކުރައްވައިފަ އެވެ.

ސައުދީ އަކީ އިންޑިއާގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ވިޔަފާރި ޕާޓްނަރެވެ. ދެ ގައުމުގެ ވިޔަފާރި މިދިޔަ އަހަރު ވަނީ 25 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. އިންޑިއާ އަށް އެންމެ ގިނައިން ތެޔޮ ސަޕްލައި ކުރާ ގައުމަކީ ވެސް ސައުދީ އެވެ. އެހެން ކަމުން އިންޑިއާގެ އިމްޕޯޓުގެ 20 ޕަސެންޓް ހިއްސާ ކުރާ ގައުމަކީ ސައުދީ އެވެ. ސައުދީގައި އިންޑިއާގެ 3.2 މިލިއަނެއްހާ މީހުން ދިރިއުޅެ އެވެ.