"ހަމް އާޕްކޭ ހޭ ކޯން" ސީކުއަލްގައި ވަރުން-އާލިއާ؟
"ހަމް އާޕްކޭ ހޭ ކޯން" ސީކުއަލްގައި ވަރުން-އާލިއާ؟

ރާޖްޝްރީ ޕްރޮޑަކްޝަން އިން 1994 ގައި އުފެއްދި ސަލްމާން ޚާނާއި މާދުރީ ޑިކްޝިޓް މުހިއްމު ރޯލުތައް ކުޅެފައިވާ "ހަމް އާޕްކޭ ހޭ ކޯން"ގެ ރިމޭކް އެއް ތައްޔާރުކުރުމަށް ފިލްމުގެ ޕްރޮޑިއުސަރުން މަސައްކަތް ފަށައިފި އެވެ. އަދި މިހާރު ލަފާކުރެވޭ ގޮތުން ފިލްމުގެ ރިމޭކްގައި ބައިވެރިކުރަން އެ ކުންފުނިން ބޭނުންވަނީ ވަރުން ދަވަން އާއި އާލިއާ ބަޓް އެވެ.

"ހަމް އާޕްކޭ ހޭ ކޯން" ސީކުއަލްގައި ވަރުން-އާލިއާ؟
"ހަމް އާޕްކޭ ހޭ ކޯން" ސީކުއަލްގައި ވަރުން-އާލިއާ؟

"ހަމް އާޕްކެ ހޭ ކޯން"ގެ ރިމޭކެއް ބަލަން ބޭނުންތޯ ރާޖްޝްރީގެ ފޭސްބުކް ޕޭޖްގައި ދާދިފަހުން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވެ އެވެ. ފިލްމުގައި ބައިވެރިކުރަން ބޭނުންވާ ތަރިންގެ ތެރޭގައި އެންމެ ކުރިއަށް އޮތީ ވަރުން އާއި އާލިއާގެ ނަމެވެ.

ސަލްމާނާއި މާދުރީގެ ތަރި މެދުއުޑުގައި ފިޔަޖަހަން ފަށައި އެ މީހުންގެ މަގްބޫލުކަން އެހާ މައްޗަށް ދިޔައީ މި ފިލްމު ބެލުންތެރިންނަށް ކަމުދިޔަލެއް ބޮޑުކަމުންނެވެ. ފިލްމުގައި ސަލްމާނާއި މާދުރީ ދެއްކި ފަދަ ކެމިސްޓްރީ އަކީ މަދުން ނޫނީ ފިލްމަކުން ނުފެނެ އެވެ.

ފިލްމުގައި ވަރަށް ގިނަ ލަވަތައް ހިމެނުނު ނަމަވެސް ހުރިހާ ލަވަައަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. ޓީވީ ޗެނަލްތަކުން އަބަދު ކަހަލަ ގޮތަކަށް މި ފިލްމު މިހާރު ދައްކަމުންދާއިރު ވެސް ބެލުންތެރިން ފިލްމު ބަލާ ފޫއްސެއް ނުވެ އެވެ. ފިލްމުގެ ރިމޭކެއް އުފައްދަން ޕްރޮޑިއުސަރުން ވިސްނަން ފެށީ މި ސަބަބާ ހެދި ކަމަށް ބެލެވެ އެވެ.

"ހަމް އާޕްކެ ހޭ ކޯން" އަކީ ސޫރަޖް ބަރްޖަތުޔާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ސޫރަޖް އެންމެ ފަހުން އުފެއްދި ފިލްމަކީ ސަލްމާނާއި ސޯނަމް ކަޕޫރުގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.

ފިލްމުގެ ރިމޭކެއްގެ ވާހަކަ އިންޓަނެޓުގައި އާއްމުވުމުން ބައެއް މީހުން އެކަމާ ވަރަށް ހިތްހަމަނުޖެހިގެން ވެސް ކޮމެންޓް ކޮށްފައިވެ އެވެ. ހިތްހަމަނުޖެހިގެން ވާހަކަ ދައްކާ މީހުން ބުނަނީ އެމީހުންގެ އެންމެ މަގުބޫލު ފިލްމު މިހާރު ޒަމާނީ ގޮތަށް އުފައްދައިގެން ފިލްމުގެ އަގު ވައްޓާލަން މަސައްކަތް ކުރަނީ ކަމަށެވެ.