08 ފެބުރުއަރީ 2018 - 10:54

މެޑްރިޑް (ފެބްރުއަރީ 8) – ޔޫރަޕުގައި މިވަގުތު އެންމެ ރީތި ފުޓްބޯޅައެއް ކުޅުވާ އެއް ކޯޗު ނަޕޯލީގެ މައުރީޒިއޯ ސާރީ އަށް ޔޫރަޕުގެ ބައެއް ބޮޑު ކްލަބްތަކުން ކަޅިއަޅަން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 59 އަހަރުގެ ސާރީ ކުޅުވާ އެޓޭކިން ފުޓްބޯޅައަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން ވަނީ ލިބިފަ އެވެ. އޭނާގެ ޓީމު މިވަގުތު އޮތީ އިޓާލިއަން ލީގުގެ އެއް ވަނައިގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސާރީ އަށް ނަޕޯލީން މިހާރު ދެނީ އަހަރަކު 1.4 މިލިއަން ޔޫރޯ އެވެ. އެކަމަކު އެ އަދަދު ބޮޑުކުރަން ކްލަބުން ވިސްނަމުން އަންނަ ކަމަށްވެ އެވެ. އޭގެ ސަބަބަކީ ވެސް އޭނާ މަޑުކުރުވުން ކަމަށް ބެލެވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސާރީ އަށް އެންމެ ބޮޑަށް ޝައުގުވެރިވަނީ ސްޕެއިނުގެ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑެވެ. އަދި މެޑްރިޑުން ގަބޫލުކުރާ ގޮތުގައި ސާރީ އަކީ، ފަހުގެ ތާރީހުގައި ފުޓްބޯޅައަށް އެންމެ ބޮޑު ބަދަލެއް ގެނައި ކޯޗު އިޓަލީގެ އަރީގޯ ސާޗީ ފަދަ ކޯޗެއްގެ ގޮތުގަ އެވެ. އޭސީ މިލާނާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައި ވޯލްޑް ކަޕުގެ ފައިނަލަށް އިޓަލީ ގެންގޮސްދިން ސާޗީ ވަނީ މެޑްރިޑުގެ ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމް ވެސް ފުރައިފަ އެވެ.
އިންގްލެންޑުގެ ޗެލްސީ އާއި ފްރާންސުގެ ޕީއެސްޖީން ވެސް ސާރީ އަށް ޝައުގުވެރިވާކަމަށްވެ އެވެ. ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަންނަ ސީޒަނުގައި ނުހުންނާނެކަން ވަރަށް ބޮޑަށް ޔަގީންވެފައިވާއިރު ޕީއެސްޖީގެ ކޯޗު އުނައި އެމެރީގެ މުސްތަގުބަލާ މެދު ވެސް ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.
ފުޓްބޯޅަ ކޯޗިންގެ ތެރެއަށް 1990 ވަނަ އަހަރު ވަން ސާރީ އެންމެ ފުރަތަމަ އެ މަސައްކަތްކުރީ ބޭންކެއްގައި ވަޒީފާއަދާކުރަމުން ހުސް ގަޑީގަ އެވެ. އޭނާ ފުލްޓައިމްކޮށް ކޯޗިން އަށް ވަނީ 1999 ވަނަ އަހަރެވެ. އޭނާ ފާހަގަވާން ފެށީ 2012 އިން 2015 އަށް އެމްޕޮލީ އަށް ކޯޗުކޮށްދިން ދުވަސްވަރެވެ.
ސާރީގެ ހައި ޕްރެސިން، އެޓޭކިން ކޯޗިން ސްޓައިލަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ތައުރީފްކޮށްފަ އެވެ.
"ހައި ޕްރެސިން ފުޓްބޯޅަ އަހަންނަށް ވަރަށް ކަމުދޭ. ނަޕޯލީ ކުޅެނީ އަހަރެން ވަރަށް ތާއީދުކުރާ ފުޓްބޯޅައެއް،" ގާޑިއޯލާ ބުނެފައިވެ އެވެ.