08 ފެބުރުއަރީ 2018 - 11:14

ނިއު ދިއްލީ (ފެބްރުއަރީ 8) - ކައިވެނި ކުރުމުން އަންހެން ކުއްޖާގެ ފަރާތުން ފިރިމީހާ އަށް ދޭން ޖެހޭ ފައިސާ ނުދީގެން އިންޑިއާގެ އަންހެން ކުއްޖެއްގެ ކިޑްނީ އޭނާގެ ފިރިމީހާ ވަގަށް ނަގައިފި އެވެ.
އިންޑިއާގެ ބައެއް ހިސާބުތަކުގެ އާދަކާދަ އޮންނަ ގޮތުން ކައިވެންޏަށް ޚަރަދު ކުރުމާއި ކައިވެނީގެ "ރަނުގެ" ގޮތުގައި އަންހެން ކުއްޖާގެ ފަރާތުން ފިރިމީހާ އަށް އެތައް ފައިސާއަކާއި މުދަލެއް ދެ އެވެ. އެކަމަކު މިއީ 1961 ވަނަ އަހަރުން ފެށިގެން އިންޑިއާގައި މަނާކޮށްފައި އޮންނަ ކަމެކެވެ.
އިންޑިއާގެ ވެސްޓް ބެންގާލްގެ އަންހެން ކުއްޖަކަށް ވަނީ މި ގޮތަށް ފިރިމީހާ އަށް ފައިސާ ނުދިނުމުން ހިތްދަތި ގޮތެއް މެދުވެރިވެފަ އެވެ. މީޑިއާތަކުން ބުނި ގޮތުގައި އަންހެން ކުއްޖާގެ ބަނޑުގައި ރިއްސަން ފެށުމުން ފިރިމީހާ ވަނީ ކްލިނިކަކަށް ގެންގޮސް އެޕެންޑިކްސް އޮޕަރޭޝަނެއް ކުރުމުގެ ހުރިހާ ކަމެއް ހަމަޖައްސައިފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހުކޮޅު ކުރި މެޑިކަލް ޓެސްޓްތަކަށް ފަހު އެނގިފައި ވަނީ އަންހެން ކުއްޖާގެ އެއް ކިޑްނީ ނެތް ކަމެވެ. އަންހެން ކުއްޖާ ތުހުމަތު ކުރަނީ ފިރިމީހާގެ ރޭވުމަކުން އެޕެންޑިކްސް އޮޕަރޭޝަން ކުރަނީ ކަމަށް ބުނެ އޭނާގެ ކިޑްނީ ނެގީ ކަމަށެވެ. އަދި މި މައްސަލާގައި އަންހެން ކުއްޖާގެ ފިރިމީހާ އާއި އޭނާގެ ބޭބެއަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
އަންހެން ކުއްޖާ ބުނީ ކައިވެނީގެ ބަދަލު ހޯދަން ފިރިމީހާ އަބަދުވެސް ޑިމާންޑް ކުރަމުން ދިޔަ ކަމަށެވެ. އިންޑިއާގެ ބައެއް މީޑިއާތަކަށް އަންހެން ކުއްޖާ ރިތާ ސަރްކަރު ބުނީ ކައިވެނީގެ ރަނުގެ މައްސަލާގައި އޭނާ އަށް ވަރަށް ބޮޑަށް ގެވެށި އަނިޔާ ލިބެމުން ދިޔަ ކަމަށެވެ.
"ކޮލްކަތާގެ ނާސިން ކްލިނިކަކަށް ފިރިމީހާ ވަނީ އަހަރެން ގެންގޮސްފައި. އަދި ފިރިމީހާގެ އިތުރުން މެޑިކަލް ސްޓާފުން ވެސް ވަނީ އެޕެންޑިކްސް ނެގުމުން ބަނޑުގައި ރިއްސުން ރަނގަޅުވާނެ ކަމަށް ބުނެފައި،" ހިންދުސްތާން ޓައިމްސް އިން އޭނާ ބުނެފައިވެ އެވެ. "އޮޕަރޭޝަނާ ބެހޭ މައުލޫމާތު އެއްވެސް މީހަކަށް ކިޔައި ނުދިނުމަށް ފިރިމީހާ އޮތީ އިންޒާރު ދީފައި."
އެކަމަކު ދުވަސްތަކެއް ފަހުން އަންހެން ކުއްޖާ އަށް އުނދަގޫތަކެއް ވާން ފެށުމުން އޭނާ ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ. ސްކޭން ހެދުމުން އެނގިފައި ވަނީ އޭނާގެ ކަނާތު ކިޑްނީ ނަގާފައިވާ ކަމެވެ.
"އެހާ ހިސާބުން ދެން އެނގުނީ އޮޕަރޭޝަނުގެ ވާހަކަ ނުދައްކަން ފިރިމީހާ ބުނީ ކީއްވެކަން. އޭނާ އެވަނީ އަހަރެންގެ އާއިލާ އަށް ކައިވެނީގެ ރަން ނުދެއްކުމުން އަހަރެންގެ ކިޑްނީ ވަގަށް ނަގާ ވިއްކާލާފައި،" އަންހެން ކުއްޖާ ބުންޏެވެ.