08 ފެބުރުއަރީ 2018 - 10:57

ލިވަޕޫލް (ފެބްރުއަރީ 8) - މީގެ ތިން އަހަރު ކުރިން ޗެލްސީގައި މޮޅު ކުޅުން ނުދެއްކުނީ ފުރުސަތު ނުދޭތީ ކަމަށާއި އެހެންވެ މި ސީޒަނުގައި ލިވަޕޫލުގައި ފެންވަރު ސާބިތުކޮށްދޭން ބޭނުންވި ކަމަށް މިސްރުގެ ވިންގް މުހައްމަދު ސަލާހު ބުނެފި އެވެ.
ސްވިޒަލެންޑުގެ ބަސެލް ދޫކޮށް ސަލާހު ޗެލްސީ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ. ޗެލްސީގައި ކުޅުމުގެ ފުރުސަތު ނުލިބޭތީ ސަލާހު ދެން ފެނުނީ ލޯން އުސޫލުގެ ދަށުން ފިއޮރެންޓީނާ އާއި ރޯމާ އިންނެވެ. ރޯމާ އިން 2016 ވަަނަ އަހަރު ސަލާހް ގަތީ ޗެލްސީ އަށް 15 މިލިއަން ޕައުންޑް ދެއްކުމަށް ފަހު އެވެ. ރޯމާގައި ސަލާހު ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަބަބުން މި ސީޒަނުގައި ލިވަޕޫލުން ވަނީ 35 މިލިއަން ޕައުންޑުގެ ފީއެއް ދެއްކުމަށް ފަހު އޭނާ ގަނެފަ އެވެ.
ސަލާހު ވަނީ ސީޒަނުގެ މިހާތަނަށް ލިވަޕޫލަށް 28 ލަނޑު ޖަހައިދީފަ އެވެ. އޭނާ އަކީ އެންމެ މަދު މެޗުން ލިވަޕޫލަށް ލީގުގައި 20 ލަނޑު ހަމަކޮށްދިން ކުޅުންތެރިޔާ އެވެ.
"ތިން އަހަރު ކުރިން (ޗެލްސީގައި) އަހަރެންނަށް މާ ގިނައިން ކުޅުމުގެ ފުރުސަތެއް ނުލިބޭ. މި ފަހަރު އަލުން އިންގްލެންޑަށް އައިއިރު އަހަރެންގެ ވަރަށް ބޮޑު އަޒުމެއް އެއީ ފެންވަރު ސާބިތުކޮށްދިނުން. އަހަރެންގެ ދެކޭގޮތުގައި އެކަންތައް ހާސިލް އެބަަކުރެވޭ،" ސަލާހު ބުންޏެވެ.
ސަލާހު ބުނީ ޗެލްސީގައި އޭނާ އަށް އެ ޓީމުގެ އޭރުގެ ކޯޗު ހޯސޭ މޮރީނިއޯ ފުރުސަތު ނުދިން ނަމަވެސް އެ ދެ މީހުންގެ މެދުގައި އޮތީ ބަދަހި ގުޅުމެއް ކަމަށެވެ.
"މޮރީނިއޯއާ އަހަންނާ މެދު އޮތް ގުޅުން ގޯހެއް ނޫން. އަބަދުވެސް އަހަރެން ވާހަކަ ދެއްކިން މޮރީނިއޯއާ. ރޯމާގެ ލޯން އެއްބަސްވުން ނިންމާފައި އައިސް އަހަރެން މޮރީނިއޯ ގާތުގައި އެދުނިން ޗެލްސީގައި އަހަރެންގެ މުސްތަގުބަލެއް އޮތްތޯ. ކުރިއަށް ދެވެން ނެތީމަ އަހަރެން ކެރިއަރަށް ވިސްނާފައި ޗެލްސީ ދޫކޮށްލީ،" ސަލާހު ބުންޏެވެ.
ސަލާުހު ހޯދަން ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ވަނީ ލިވަޕޫލް ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ.