08 ފެބުރުއަރީ 2018 - 10:47

ގާހިރާ (ފެބްރުއަރީ 8) - މިސްރުގައި އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރަން ގޮވާލާ ފަރާތްތަކުގެ މައްސަލަ ބަލަން އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް އަންގަވައިފި އެވެ.
އިންތިޚާބަށް ވާދަކުރާނެކަން އިއުލާންކުރި ހުރިހާ ކެންޑިޑޭޓުންނަށް އެކިއެކި ފިއްތުންތައް ކުރިމަތިކޮށްގެން ނަން އަނބުރާ ގެންދިއުމުން ރައީސް އަބްދުލް ފައްތާހު ސީސީ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެ އެވެ. އިންތިޚާބުގައި ސީސީއާ ދެކޮޅަށް ނުކުންނަވަން ހުންނެވީ ގަޑިޖެހެން 15 މިނިޓަށްވެފައި ވަނިކޮށް އިންތިޚާބަށް ކުރިމަތިލެއްވި ސީސީ އަށް ތާއީދު ކުރައްވާ ފަރާތެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ނަބީލް ސޯދިގު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނާ ދެކޮޅު އަމަލުތަކަށް ހިތްވަރު ދިނުމާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޖީޒާ އޮފީހަށް 13 މީހަކު ހާޒިރުކޮށްފައިވާ ކަމަށެވެ. މައްސަލަ ބަލާ ފަރާތްތަކުގެ ތެރޭގައި 2014 ވަނަ އަހަރުގެ އިންތިޚާބުގައި ސީސީއާ ވާދަކުރި ހަމައެކަނި ކެންޑިޑޭޓް ހަމްދީން ސަބާހީ ވެސް ހިމެނެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް މި ފިޔަވަޅުތައް އަޅަމުންދާ އިރު މާޗު 26-27 ގައި ބާއްވާ މިސްރުގެ އިންތިޚާބު ބޮއިކޮޓް ކުރުމަށް އިދިިކޮޅު އިސް ފަރާތްތަކުން މިދިޔަ މަހު ވަނީ ގޮވާލައިފަ އެވެ.
އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކުރުމާ އެކު މިސްރު ސިފައިންގެ ކުރީގެ ވެރިޔާ ސާމީ އަނާން ވަނީ ހައްޔަރުކޮށްފަ އެވެ. ކުރީގެ ބޮޑު ވަޒީރު އަހުމަދު ޝަފީގު ވެސް އިންތިޚާބުގައި ވާދަކުރުމުގެ ޝައުގު ފާޅު ކުރުމާ އެކު ހައްޔަރު ކުރުމުން އޭނާ ވެސް ވަނީ ކެންޑިޑެސީ އަނބުރާ ގެނެސްފަ އެވެ. ދެހާސް ބާރަ ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރި އިދިކޮޅު ކެންޑިޑޭޓެއް ކަމަށްވާ ޚާލިދު އަލީ ވެސް ވަނީ ނަން އަނބުރާ ގެނެސްފަ އެވެ. މިސްރުގެ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކުރި ސިފައިންގެ ކާނަލެއް ކަމަށްވާ އަހުމަދު ކޮންސޮވާ ވަނީ މިދިޔަ ޑިސެމްބަރު މަހު ހަ މަހަށް ޖަލަށް ލައިފަ އެވެ.