08 ފެބުރުއަރީ 2018 - 11:24

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހާލަތު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލައިފި އެވެ.
އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނުގައި ބުނީ ދޫނިދޫ ޖަލަށް ޒިޔާރަތްކޮށް، މައުމޫނާއި އަބްދުﷲ ސައީދުގެ ހާލަތު ބަލާފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އަލީ ހަމީދުގެ ހާލަތު ވެސް ބަލާފައިވާ ކަމަށާއި އެ ތިން ބޭފުޅުންގެ ހާލަތު ވެސް ރަނގަޅު ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
"އަލީ ހަމީދު މުހައްމަދުގެ ސިއްހީ ފަރުވާގެ ކަންކަން ކުރިއަށް ދާ ކަމަށާއި، ދޫނިދޫ ކަސްޓޯޑިއަލްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ފަނޑިޔާރު އަބްދުﷲ ސައީދު ބައިތިއްބާފައި ތިބި ތަނުގެ ހާލަތު ވެސް ރަނގަޅު،" އެޗްއާރުސީއެމުން ބުންޏެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އެބޭޅުންގެ ހާލަތު ގާތުން ބަލައި މޮނިޓާ ކުރާނެ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިޔަ ހޯމަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތުގަ އެވެ. އުއްތަމަ ފަނޑިޔާރަށާއި އަލީ ހަމީދަށް ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުމުގެ ތުހުމަތެވެ.