09 ފެބުރުއަރީ 2018 - 06:40

ބަލިވެ އިނުމާ ގުޅިގެން ބައެއް އަންހެނުންނަށް މޭއަންދާ މައްސަލަ ދިމާވެ އެވެ. މޭއަންދާތީ އުނދަގޫވާ މިފަދަ ބައެއް މީހުންނަށް ރޭގަނޑު ނިދަން ވެސް އުނދަގޫވެ އެވެ.
މާބަނޑު ދުވަސްވަރު މޭ އެންދުމަކީ ލިބޭ ދަރިފުޅުގެ ބޮލުގެ އިސްތަށިތައް ވަރުގަދަވާނެކަމެއް ކަމަށް ކުރީ ޒަމާނުގެ މީހުން ބުނެ އެވެ. ނަމަވެސް މިއީ ދެން ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ އެއްގޮތަކަށް ވެސް މިކަން މިގޮތަށް ވެދާނެ ކަމަށް ބުއްދިއަކަށް ގަބޫލެއް ނުކުރެވެ އެވެ. މޭ އަންދަނީ ދަރިފުޅު ބަނޑުގައި އޮތުމުން މައިމީހާގެ ގުނަވަންތައް ފިތޭ ގޮތް ވާތީ އެވެ. އެހެންވީމާ މިކަމަކާ ދަރިފުޅުގެ ބޮލުގައި އިސްތަށި ހުންނަ ވަރަކާ ގުޅުވޭނީ ކިހިނެއް ހެއްޔެވެ؟
މިކަމާ ގުޅޭ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނަނީ މޭއެންދުމާ ދަރިފުޅުގެ ބޮލުގެ އިސްތައްޓާ ކޮންމެވެސް ކަހަލަ ގުޅުމެއް ހުންނަ ކަމަށެވެ.
ޖޯން ހޮޕްކިންސް ޔުނިވަސިޓީ އިން 2006 ގައި ހެދި ދިރާސާއަކަށް ފަހު ސައިންސްވެރިން ވަނީ މާބަނޑު އަންހެނުންގެ 64 މީހަކު މޮނިޓާކޮށް އެމީހުންނަށް ދިމާވަމުންދިޔަ އެކި ކަހަލަ މައްސަލަތައް ބަލަމުން ގެންގޮސްފަ އެވެ. ސައިންސްވެރިން އެއްބަސްވި ގޮތުގައި މި ހޯދުމުން ދެއްކި ނަތީޖާއިން އެމީހުންނަށް ވެސް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.
ހަގީގަތުގައި ވެސް މާ ގަދަޔަށް މޭއެންދުމާއި ބަނޑުގައި އޮންނަ ދަރިފުޅުގެ އިސްތަށިތައް ވަރުގަދަވުމާ ކޮންމެ ވެސް ކަހަލަ ގުޅުމެއް ހުންނަކަން އެއީ ހަގީގަތެއް ކަމަށް ސައިންސްވެރިން ބުންޏެވެ.
މާބަނޑު މީހުންގެ އެސްޓްރޯޖަން ވަރަށް ގިނަވުމުގެ ސަބަބުން ކާއެއްޗެހި ދަތުރުކުރާ ހޮޅީގެ އެންމެ ތިރީބައިގައި އިންނަ ސްޕިންޓާ މަސްކޮޅު ރިލެކްސްވެ އެސިޑްތައް މައްޗަށް އަރާގޮތްވެ އެވެ. އަދި މިއީ ކުއްޖާގެ އިސްތަށިތައް އިތުރަށް ވަރުގަދަވާން ވެސް ދިމާވާ ކަމެކެވެ.
ވިހާފައި ތިބި ބައެއް އަންހެނުންނަށް ވެސް މިކަން ފާހަގަ ކުރެވިފައިވެ އެވެ. ގިނަ ބަޔަކު ބުނަނީ އެމީހުންނަށް ބަލިވެ އިނުމާ ގުޅިގެން މޭ އެންދުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވި ކަމަށާއި އަދި ލިބުނު ދަރިފުޅުގެ ވެސް ވަރަށް އިސްތަށިގަނޑު ވަރުގަދަ ކަމަށެވެ.