08 ފެބުރުއަރީ 2018 - 10:05

ޒިއުރިކް، ސްވިޒަލެންޑް (ފެބްރުއަރީ 8) - އަންނަ ހަފްތާގައި ނެދަލެންޑްސްގެ ރޮޓަޑަމްގައި ފަށާ މުބާރާތުގައި ވާދަކުރަން ނިންމައި ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ އަލުން ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އަރަން އަމާޒުހިފައިފި އެވެ.
އޮސްޓްރޭލިއަން އޯޕަަންގެ ކާމިޔާބީއާ އެކު ފެޑެރާ މިހާރު ދުނިޔޭގެ ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ރަފައެލް ނަޑާލަށް ވުރެން 155 ޕޮއިންޓު ފަހަތުގަ އެވެ. ރޮޓެޑަމް މުބާރާތުގައި ނަޑާލް ވާދަނުކުރާއިރު، މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ފެޑެރާ ހޯދައިފިނަމަ ރޭންކިން އެއް ވަނަ އަށް އެރޭނެ އެވެ.
ރޭންކިންގެ އެންމެ ކުރިއަށް ފެޑެރާ ޖެހިލައިފިނަމަ އޭނާ ވެގެންދާނީ އެންމެ ދޮށީ އުމުރެއްގައި އެ ހިސާބަށް ދަތުރުކުރި ކުޅުންތެރިޔާ އަށެވެ. ފެޑެރާގެ އުމުރަކީ 36 އަހަރެވެ.
ފެޑެރާ ބުނީ ރޮޓެޑަމް މުބާރާތަކީ އޭނާ އަށް އަބަދުވެސް ހާއްސަ ކަމަށެވެ.
"މިއީ އަހަންނަށް ވަރަށް ހާއްސަ މުބާރާތެއް. އަހަރެން ހަނދާން ހުރޭ 1999 ވަނަ އަހަރުގައި އަލަށް މި މުބާރާތުގައި އަހަރެން ކުޅުނު ހަނދާން. އެއީ އެންމެ މަތީ ފެންވަރުގައި އަހަންނަށް ކުޅެލަން ލިބުނު މުބާރާތްތަކުގެ ތެރެއިން ފުރަތަމަ މުބާރާތް. މި މުބާރާތަށް 45 އަހަރު ފުރޭ ހާއްސަ އެޑިޝަނުގައި ބައިވެރިވެވޭތީ އުފާކުރަން،" މި މުބާރާތް ދެ ފަހަރު ކާމިޔާބުކުރި ފެޑެރާ ބުންޏެވެ.
ފެޑެރާގެ އިތުރުން މި މުބާރާތުގައި މަޝްހޫރު އެހެން ކުޅުންތެރިން ވެސް ބައިވެރިވެ އެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން ޖޯ ވިލްފްރިއެޑް ސޮންގާގެ އިތުރުން ސްޓޭން ވަވްރިންކާ އާއި އަލެކްސަންޑަ ޒްވެރެވް އަދި ގްރިގޯ ޑިމިޓްރޯވް ހިމެނެ އެވެ.