08 ފެބުރުއަރީ 2018 - 09:51

ލަންޑަން (ފެބްރުއަރީ 8) - ފުޓްބޯޅައިގައި ރެފްރީ އަށް އޮޅުވާލުމަށް ފަހު ފައުލެއް ހޯދުމަކީ ކުޅުންތެރިންނަށް ލިބިފައިވާ ހުނަރެއް ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
އިނގިރޭސި ޕްރިިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ލިވަޕޫލާ 2-2 އިން އެއްވަރުވި މެޗުގައި ޓޮޓެންހަމަށް ދެ ޕެނަލްޓީ ލިބުނުއިރު، މީޑިއާގައި ވަނީ މި ދެ ޕެނަލްޓީ އަކީ ޓޮޓެންހަމްގެ ހެރީ ކޭން އާއި އެރިކް ލަމޭލާ ޑައިވް ކޮށްގެން ހޯދި ޕެނަލްޓީ ކަމަށް ބުނެފަ އެވެ.
އެ މެޗާ ބެހޭގޮތުން ޕޮޗެޓީނޯ ބުނީ ހުނަރުގެ ބޭނުން ކުޅުންތެރިޔެއް ކުރާނެ ގޮތެއް ކަނޑައަޅާނީ އަމިއްލަ އަށް ކަމަށާއި އޭގެ އެންމެ މުހިއްމު ކަމަކީ ޓީމަށް ފައިދާވުން ކަމަށެވެ.
"ފުޓްބޯޅައިގެ އަސްލަކީ އަބަދުވެސް އިދިކޮޅު ކުޅުންތެރިޔާގެ މައްޗަށް ކާމިޔާބު ހޯދުން. މިއީ ދޮގަކަށް ނުވާނެ. މީގެ 20 ވަރަަކަށް އަހަރު ކުރިން ރެފްރީ އަށް އޮޅުވާލައިގެން ފައުލެއް ހޯދައިފިނަމަ އެ ކުޅުންތެރިޔަކަށް މަރުހަބާ ކިޔާ. އެއީ ކުޑައިރު އަހަންނަށް އާޖެންޓީނާގައި ލޯބި ޖެހުނު ފުޓްބޯޅަ އަކީ. ޓްރިކް ހެދުމަކީ އޮންނަ ކަމެއް. ފުޓްބޯޅައިގައި އެއްވެސް ގައުމެއްގައި ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެ،" ޕޮޗެޓީނޯ ބުންޏެވެ.
އޭނާ ބުނީ ރެފްރީންނަށް ފާޑުކިޔުމަކީ ބޭނުން ކަމެއް ނޫން ކަމަށާއި ރެފްރީންނަށް ހެދޭ ގޯހެއްގެ ވާހަކަ ދައްކައިގެން ކަމެއް އިތުރަށް ގޯސްކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ރޭ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގެ ރީޕްލޭ މެޗުގައި އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ނިއުޕޯޓް ކައުންޓީ އަތުން 2-0 އިން ޓޮޓެންހަމް މޮޅުވި މެޗަށް ފަހު ޕޮޗެޓީނޯ ވަނީ އޭނާ ޑައިވް ކުރުމާ ބެހޭގޮތުން ދެއްކި ވާހަކަ ދިފާއު ކޮށްފަ އެވެ.
"އަހަރެން ބުނީ ގަސްދުގައި ރެފްރީ އަށް އޮޅުވާލުމުގެ ވާހަކަައެއް ނޫން. މީގެ ކުޅުންތެރިޔެއްގެ ހުނަރުގެ މުހިއްމު ވާހަކަ ދެއްކީ،" ޕޮޗެޓީނޯ ބުުންޏެވެ.
ރޭ ނިއުޕޯޓް ކޮޅަށް ޓޮޓެންހަމް އިން ޖެހި ފުރަތަމަ ގޯލަކީ ނިއުޕޯޓްގެ ޑޭން ބަޓްލާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ޓީމުގެ ދެ ވަނަ ގޯލު ޖެހި ލަމޭލާ އެވެ.