ނައްޓޭ ވިކްޓަރީ އަށް ބަދަލުވެއްޖެ
ނައްޓޭ ވިކްޓަރީ އަށް ބަދަލުވެއްޖެ

މިިދިޔަ އަހަރު ކްލަބް އީގަލްސް އަށް ކުޅުނު އަހުމަދު ނާޝިދު (ނައްޓޭ) ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ހަލުވި އެއް ވިންގާ ނައްޓޭ ވަނީ އިއްޔެ އެ ވިކްޓަރީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. މިދިޔަ ސީޒަނުގައި އެސްޓީއޯ މާލޭ ލީގުގައި އީގަލްސް އަށް ކުޅުމަށް ފަހު ނައްޓޭ ވަނީ ލޯން އުސޫލުން އެފްއޭ ކަޕުގައި ކުޅުމަށް ވެލެންސިއާ އަށް ބަދަލުވެފަ އެވެ. އެހެން ނަމަވެސް އެފްއޭ ކަޕުގައި ވެލެންސިއާ ނުކުޅެން ނިންމުމުން އޭނާ އެ ޓީމަށް މެޗެއް ނުކުޅެ އެވެ.

ސ. ހިތަދޫ އަށް އުފަން ނައްޓޭ ވިދާލީ 2007 ވަނަ އަހަރު ޒޯން މުބާރާތުންނެވެ. އޭގެ ފަހުން އޭނާ ވަނީ ކްލަބް ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީ އަށް ކުޅެފަ އެވެ. މީގެ ތިން އަހަރު ކުރިން މާޒިޔާ އަށް ބަދަލުވެ ނައްޓޭ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މާޒިޔާ ކޯޗުކަމާ އަލީ ސުޒޭން ހަވާލުވެ ހުރިއިރު ނައްޓޭ ވަނީ މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. އަދި 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ އިތުރުން 2016 ވަނަ އަހަރު ސާފް ގޭމްސްގައި ކުޅުނު 23 އަހަރުން ދަށުގެ ޓީމަށް ސީނިއާ ކުޅުންތެރިޔެއްގެ ގޮތުގައި ގޮސް ނައްޓޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އީގަލްސްއާ މިދިޔަ ސީޒަނުގައި ގުޅުމަށް ފަހު ނައްޓޭ އަށް އޭނާގެ މޮޅު ކުޅުން ނުދެއްކުނީ އަނިޔާގެ މައްސަލަތަކުގެ ސަބަބުންނެވެ. އެހެން ނަމަވެސް ފުރުސަތު ލިބުނު މެޗުތަކުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި މުހިއްމު ވަގުތުގައި ލަނޑު ޖަހައިފަ އެވެ.

އަނިޔާގެ މައްސަލަތަކުގެ ސަބަބުން މިދިޔަ އަހަރު ގައުމީ ޓީމު ކުޅުނު މެޗުތަކުން ނައްޓޭ ނުފެނެ އެވެ.

ވިކްޓަރީން އާ ސީޒަނަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ކުރީގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި ގޯލްކީޕަރު މުހައްމަދު އިމްރާނާއި އަބްދުﷲ ޒިޔަޒަން އާއި ސްޕެނިޝް ފޯވާޑް އެންހެލް މުނޯޒް އަދި ފޯވާޑް އަލީ ނާފިއު (ކަޅޭ) ހިމެނެ އެވެ.

މީގެ އިތުރުން އެ ޓީމުން ގެނައި ކުޅުންތެރިންގެ ތެރޭގައި ވެލެންސިއާ އިން ފެނުނު އަހުމަދު ވިސާމް (ޖެރާޑް) އާއި ހުސެއިން ނިހާން (ނިހާޓް) އާއި އިބްރާހިމް ހަމްދާން އާއި މުހައްމަދު ފުހެއިދު (ޓޯޑް) އާއި ނިއު ރޭޑިއަންޓަށް ކުޅުނު މުހައްމަދު ޝާދިން އާއި އާދަމް އިޝާމް ހިމެނެ އެވެ.

ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ވެސް އެ ޓީމަށް ކޯޗުކޮށްދީފައިވާ ހަންގޭރީގެ ލާސްލޯ ކިސް އެވެ. ވެލެންސިއާ އަށް ތިން ފަހަރެއްގެ މަތިން ކޯޗުކޮށްދީފައިވާ ކިސް އަކީ ރާއްޖެ މިހާތަނަށް އައި އެންމެ ކާމިޔާބު އެއް ބިދޭސީ ކޯޗެވެ.

ވިކްޓަރީގެ ޗެއާމަން އިބްރާހިމް ނަޒީމް ވިދާޅުވީ ފުރަތަމަ ޓާގެޓަކީ މާލޭ ލީގުގެ ގަދަ ހަޔެއްގެ ތެރޭ ހިމެނި ޕްރިމިއާ ލީގުން ފުރުސަތު ހޯދުން ކަމަށެވެ.