08 ފެބުރުއަރީ 2018 - 07:39

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގާނޫނު އަސާސީގެ ބައެއް މާއްދާތައް ހިފެހެއްޓުމަކީ ޗެކްސް އެންޑް ބެލެންސް ނިޒާމާއި ބާރުތައް ވަކިވެފައިވާ ޑިމޮކްރެެސީއެއް ހިންގަން ހުރަސް އެޅިގެން ދިޔަ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެތައް ދިވެހިންގެ އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ފެބްރުއަރީ 5 ގަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު ގެނެސްފައި ވަނީ ހުކުމްތަކުގައި ތިއްބެވި ރާއްޖޭގެ ބައެއް ސިޔާސީ ބޭފުޅުން މިނިވަންކޮށް އެ ބޭފުޅުންގެ މައްސަލަތައް އަލުން ބެލުމަށާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި މަހު 1 ވަނަ ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެންނެވެ.
އެ އަމުރަށް ފަހު ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެގަނެ، އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ.
ރާއްޖޭގައި ފަހުގެ އަހަރުތަކުގައި ސިޔާސީ ވާދަވެރިންނާއި ނޫސްވެރިންނާއި ސިވިލް ސޮސައިޓީ އަދި އިންސާނީ ހައްގުތައް ދިފާއުކުރާ ފަރާތްތަކަށް އަމާޒުވާ ހަމަލާތައް ފާހަގަކުރައްވާ ޒައިދު ވިދާޅުވެފައި ވަނީ ރާއްޖޭގައި މިހާރު ހިނގަނީ ޑިމޮކްރެސީ އަށް ދޭ ހަމަލާއެކޭ އެއްފަދަ ކަންކަން ކަމަށެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހަައްޔަރުކުރުމުގެ ކަންބޮޑުވުން ވެސް ޒައިދު ވަނީ ފާޅުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޑިމޮކްރެސީގެ އަސާސްތަކާއި ގައުމުގެ އަސާސީ ހައްގުތަކުގެ އިހްތިރާމް ގެއްލިގެން ދިއުމަކީ ކަންބޮޑުމެއް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ވަގުތުގައި ވެސް އިންސާފުވެރި ޝަރީއަތާއި ކުށުން ބަރީއަވުމުގެ ފުރުސަތާއި ހެބިއަސް ކޯޕަސް ފަދަ ގާނޫނީ ފަރުވާތައް ހުރިހާ ވަގުތެއްގައި ވެސް ލިބިދެވެން ޖެހޭނެ ކަމަށް ޒައިދު ވިދާޅުވި އެވެ.
"ރާއްޖޭން ގަބޫލްކޮށްފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތައް، ޚާއްސަކޮށް އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކާއި ގާނޫނު އަސާސީން ބާރު ލިބިދީފައިވާ މުއައްސަސާތައް ހިންގުމަށް ފަހިވާ ގޮތަށް، ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ހާލަތު އުވާލަން އަޅުގަނޑު ގޮވާލަން،" ޒައިދުގެ ބަޔާނުގައި ވިދާޅުވި އެވެ.