07 ފެބުރުއަރީ 2018 - 21:15

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މަޖިލީހަކުން ނިންމާ ނިންމުމަށް ފާޑުކިޔާ ނަމަ، އެ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ އެ ކޯޓުން ދެންމެ އަމުރެއް ނެރެފި އެވެ.
ސުޕްރީން ކޯޓުން އެ އަމުރު ނެރުނުއިރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ ރިޝްވަތުގެ ތުހުމަތާ ގުޅިގެން، އެ ދެ ބޭފުޅުން މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރު ކުރުމުން، އެ ކޯޓުން ތަފާތު މައްސަލަތައް ނިންމައި އަމުރުތައް ނެރެނީ ބާކީ ތިއްބެވި ތިން ފަނޑިޔާރުންގެ ބެންޗުންނެވެ.
އަދި އެ މައްސަލާގައި ފުލުހުން ގޮތެއް ކަނޑައަޅަންދެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަލީ ހަމީދު ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ މިއަދު ނިންމައިފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މަޖިލީހަކުން ނިންމާ ނިންމުމަށް ފާޑުކިޔާ ނަމަ، އެ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކޯޓުން ދިނީ، އިދިކޮޅު ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށާއި ސުޕްރީމް ކޯޓުގެ މައްސަލަތަައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުބެލޭނެ ކަމަށް ފަސް ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަނޑައެޅި ބައި އެ ކޯޓުގެ ތިން ފަނޑިޔާރުންގެ މަޖިލީހުން ރޭ ބާތިލް ކުރުމާ ގުޅިގެން، އަންނަ ފާޑުކިޔުންތަކަށް އަމާޒުކޮށެވެ.
"...ކޯޓު އަމުރާ ގުޅޭ ގޮތުން ފަނޑިޔާރުންގެ މުސްތަގިއްލު ކަމާ މެދު ޝައްކު އުފެދޭ ގޮތަށް، އަދި ކަން އޮތް ގޮތް އޮޅޭ ގޮތަށް ތަފާތު މީޑިއާތަކުންނާއި އެކިއެކި ފަރާތްތަކުން ހަގީގަތާ ޚިލާފަށް ފަތުރަމުންދާ ވާހަކަތަކަކީ، އެއްވެސް އަސާސެއް ނެތް ޣައިރު ގާނޫނީ ވާހަކަތަކަކަށް ވާތީ، އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެކަން އެންގީމެވެ،"
ސުޕްރީމް ކޯޓުން ބުނީ، ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް ޑިސެމްބަރު 11، 2014 ގައި ގެނައި ފުރަތަމަ އިސްލާހުގެ ދަށުން މިހާރު އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެއް ކަމަށް ވާއިރު، ދުސްތޫރީ ތަބީއަތުގެ މައްސަލައެއް ނުވަތަ ދުސްތޫރީ ތަބީއަތާ ގުޅުން ހުރި އެއްވެސް ކަމެއް ބަލައި ނިންމުމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކީ ތިނެއް ކަން ސާފުކޮށް އެނގޭ ކަމަށެވެ.
ސުޕްރީމް ކޯޓުން ބުނިގޮތުގައި، ދުސްތޫރީ މައްސަލަތައް ބަލައި ނިންމަން ވާނީ، އެ ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން މަދުވެގެން ފަސް ބޭފުޅުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން އަދި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ތިއްބަވައިގެން ކަމަށް ބަޔާން ކޮށްފައި ވަނީ ފަނޑިޔާރުންގެ އަދަދަކީ 7 ކަމަށް، ކޯޓުތަކާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިއިރު ބުނެފައިވާތީ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކުން ދުސްތޫރީ މައްސަލަތައް ބެލުމުގެ ގާނޫނީ އަދަދަކީ މަދުވެގެން ފަހެއް ބަޔާން ކުރުމަކީ މަގުސަދެއް ކަން އެ މާއްދާގެ ނައްސުން ރަނގަޅަށް އެނގޭ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.
އެހެންވެ، ދުސްތޫރީ ތަބީއަތުގެ މައްސަލަތައް ސުޕްރީމް ކޯޓުން ބަލައި، ގޮތެއް ކަނޑައެޅުމުގައި އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހާޒިރުވެ ތިއްބެވުން ލާޒިމް ނޫން ކަން އެނގޭ ކަމަށް ވެސް މިރޭ ނެރުނު އަމުރުގައި ވެ އެވެ.
ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ތިއްބަވައިގެން ނިންމަން ޖެހެނީ، ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލަތައް ކަން ގާނޫނުއަސާސީންނާއި ކޯޓުތަކުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) އިން ސާފުކޮށް އެނގެ އެވެ. އަދި އެއްވެސް ސަބަބަކާ ހުރެ، އުއްތަމަ ފަނޑިޔާރަށް ހާޒިރު ނުވެވޭނަމަ، އެ އިރެއްގައި ފަނޑިޔާރުންގެ މަޖިލީހަށް ހާޒިރުވެ ތިއްބެވި އެންމެ ސީނިއާ ފަނޑިިޔާރުންގެ ރިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެއް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަން، "ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދު" ގެ ހަ ވަނަ މާއްދާއިން އެނގޭ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.