07 ފެބުރުއަރީ 2018 - 18:57

ރިޔާޒް (ފެބްރުއަރީ 7) - އިޒްރޭލަށް ދަތުރުކުރާ ބޯޓުތަކަށް ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުން ފުރަތަމަ ފަހަރަށް ދީފި ކަމަށް އިޒްރޭލުގެ ނޫހަކުން ބުނެފި އެވެ.
އިޒްރޭލުގެ ހާރެޒް ނޫހުން ބުނީ ސައުދީން މި ހުއްދަ ފުރަތަމަ ދީފައި ވަނީ އެއާ އިންޑިއާގެ ބޯޓުތަކަށެވެ. އެހެން ކަމުން ނިއު ދިއްލީން ތެލް އަވީވަށް ދަތުރުކުރާ ފްލައިޓްތަކުގެ ދަތުރުން ދެ ގަޑިއިރު އަވަސްވާނެ އެވެ. ސައުދީގެ މި ނިންމުމުގެ ސަބަބުން ތެޔޮ ޚަރަދު ކުޑަވެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭނެ ކަމަށް ވެސް ނޫހުން ބުނެފައިވެ އެވެ.
އިޒްރޭލަށް ދަތުރުކުރާ ބޯޓުތަކަށް ސައުދީގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮންނަތާ 70 އަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ. އެކަމަކު ޕްރައިވެޓް ޖެޓްތަކުން ވަނީ ސައުދީ އާއި އެނޫން ވެސް ގަލްފުގެ ގައުމުތަކުގެ ވައިގެ ސަރަހައްދުގެ ތެރޭން އިޒްރޭލަށް ދަތުރު ކޮށްފަ އެވެ.
ބައެއް ފަރާތްތަކުން ބުނަމުން ދަނީ މިއީ މެދުއިރުމަތީގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ނުފޫޒުން ގެނައި ބަދަލެއް ކަމަށެވެ. މޯދީ މިދިޔަ އަހަރު ވަނީ ރަސްމީ ދަތުރެއްގައި އިޒްރޭލަށް ވަޑައިގެންނެވި އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރުގެ ލަގަބު ހޯއްދަވައިފަ އެވެ. މި މަހު 10 ވަނަ ދުވަހު މޯދީ ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރި އަށް ވަޑައިގަތުމަށް ހަމަޖެހިފަ އެވެ.