07 ފެބުރުއަރީ 2018 - 18:40

ޕިއޮންޔޮން (ފެބްރުއަރީ 7) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ނުފޫޒުގަދަ އަންހެން ކޮއްކޮ ކިމް ޔޯ-ޖޮން ސައުތު ކޮރެއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިއީ ކިމްގެ އާއިލީ ގާތް ބޭފުޅަކު ސައުތު ކޮރެއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޕޮލިޓްބިއުރޯ އަށް މިދިޔަ އަހަރު ޕްރޮމޯޓް ކުރި ވޯކާސް ޕާޓީގެ ސީނިއާ އޮފިޝަލް ޔޯ-ޖޮން ސައުތު ކޮރެއާ އަށް ވަޑައިގަންނަވަނީ ސޯލްގައި ހުކުރު ދުވަހު ފަށާ ވިންޓާ އޮލިމްޕިކްސްގެ ބައެއް އިވެންޓްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ކިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޔޯ-ޖޮން އަކީ ކިމްއާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމަށްވެ އެވެ. ކިމް އަށް ވުރެ ހަތަރު އަހަރު ހަގު ޔޯ-ޖޮން ކައިވެނި ބައްލަވައިގެންފައި ވަނީ ޕާޓީގެ ސެކްރެޓަރީ ޗޮއެ ރިއޮން-ހައިއާ އެވެ. ނޯތު ކޮރެއާގައި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގުމުގެ ކުށުގައި އެމެރިކާ އިން ވަނީ ޔޯ-ޖޮން ބްލެކްލިސްޓް ކޮށްފަ އެވެ.
ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެ ކޮރެއާ އިން މާޗު ކުރާނީ އެއް ދިދައެއްގެ ދަށުގަ އެވެ. ވިންޓަ އޮލިމްޕިކްސްގައި ނޯތު ކޮރެއާ ބައިވެރިވުން ގިނަ ބަޔަކު ސިފަ ކުރަނީ ދެ ކޮރެއާގެ ގުޅުން ރަނގަޅުވުމުގެ ނިޝާނެއްގެ ގޮތުގަ އެވެ. ނަމަވެސް އެމެރިކާ އާއި ޖަޕާނުން ބުނަނީ ނޯތު ކޮރެއާ އިން ގޭމްސް ބޭނުން ކުރާނީ ޕްރޮޕަގެންޑާ ފަތުރަން ކަމަށެވެ.