07 ފެބުރުއަރީ 2018 - 17:48

ދައްތަ ޔުމްނާ މައުމޫނަކީ "ސުޕަހީރޯ"އެއް ކަމަށް ވިދާޅުވެ ފާރިސް މައުމޫން އޭނާ އަށް ވަރަށް ބޮޑަށް މިއަދު ތައުރީފް ކުރައްވައިފި އެވެ.

ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔުމްނާއަކީ އިންސާނުންގެ ތެރޭގައި ހުރި "ބޮޑު" މީހެއް ކަމަށެވެ. އަދި އެއީ "ސުޕަހީރޯ"އެއް ކަމަށާއި އޭނާގެ "ސުޕަޕަވާ" ނުވަތަ އާދަޔާ ޚިލާފު ބާރަކީ ލޯބި ކަމަށް ފާރިސް ވިދާޅުވި އެވެ.
ފާރިސްގެ ޓްވީޓުގައި އޭނާގެ އަނެއް ދައްތަ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާގެ ވާހަކައެއް ވިދާޅެއް ނުވެ އެވެ.
އެ ޓްވީޓުގައި ފާރިސް ވަނީ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ފިރިކަލުން މުހައްމަދު ނަދީމާއެކު ޔުމްނާ ހުންނެވި ދެ ފޮޓޯ ވެސް ހިމަނުއްވައިފަ އެވެ. ސަރުކާރު ވައްޓާލަން ރޭވުމާއި ޓެރަރިޒަމްގެ ތުހުމަތުގައި މައުމޫންގެ އިތުރުން ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ޕީޕީއެމުން ރައީސްގެ މަގާމުން މައުމޫން ވަކިކުރި ފަހުން، އެ ފެކްޝަންގައި މައުމޫންގެ ފަރާތްޕުޅުން އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޔުމްނާ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި، ފާރިސް ހައްޔަރު ކުރުމުން، ވެސް އޭނާ މިނިވަންކުރަން ގޮވާލައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ ޔުމްނާ އެވެ. ފާރިސް ޖަލަށް ލުމުން، އިސްލާހީ މަސައްކަތްތަކުގައި ބައްޕާފުޅު މައުމޫންގެ ފަރާތްޕުޅުން ވެސް އެންމެ ކުރީ ސަފުގައި ހުންނެވީ ޔުމްނާ އެވެ.
ފާރިސް ޖަލުގައި ހުންނެވި އިރު އާއިލީ ބައްދަލުވުންތަކުގައި ވެސް ޔުމްނާ ގަވައިދުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިދިކޮޅު ފަރާތްތަކާ ގުޅި، އޭނާ އިސްލާހީ މަސައްކަތުގެ ތެރެއަށް ނިކުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓްރީގައި ހުންނެވުމަށް ފަހު، މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެވެ.