07 ފެބުރުއަރީ 2018 - 15:48

އިސްލާމްއާބާދު (ފެބްރުއަރީ 7) - އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ބުނެ ސްކޫލް ދަރިވަރަކު މަރާލި ޕާކިސްތާން މީހަކަށް މަރުގެ ހުކުމް މިއަދު އިއްވައިފި އެވެ.
ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޔުނިވާސިޓީއެއްގެ އެކޮމޮޑޭޝަން ބްލޮކުން މަޝާލް ޚާން މިދިޔަ އަހަރުގެ އޭޕްރީލް މަހު ނެރުމަށް ފަހު އޭނާ އަށް އަނިޔާކޮށްފައި ވަނީ އެހެން ދަރިވަރުންތަކެކެވެ. ޚާން މަރާލުމަށް ފަހު އޭނާގެ ގުނަވަންތައް ވެސް ވަނީ ވަކިކޮށްފަ އެވެ.
މަރާލާފައި ވަނީ ޚައިބަރް ޕަޚްތުންކްވާ ޕްރޮވިންސްގެ އަބްދުލް ވަލީ ޚާން ޔުނިވާސިޓީގައި މާސް ކޮމިއުނިކޭޝަން ކިޔަވާ އުމުރުން 25 އަހަރުގެ ދަރިވަރެކެވެ. ދަރިވަރުގެ މައްޗަށް ވަނީ އިސްލާމް ދީނާ ދެކޮޅު ޚިޔާލު ގެންގުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އޭނާ މަރާލި ދުވަހުގެ ކުރީ ދުވަހު ވަނީ ޔުނިވާސިޓީގެ އެހެން ދަރިވަރުންތަކަކާ އެކު ދީނީ މައްސަލައެއްގައި ހޫނު ޒުވާބެއް ކޮށްފަ އެވެ. ދަރިވަރު ވަނީ ޔުނިވާސިޓީގެ ލީޑަޝިޕަށް ވެސް ފާޑު ކިޔައިފަ އެވެ. އަދި ދީނަށް ފުރައްސާރަ ކުރާ ކަމުގެ ލިޔުންތަކެއް އޮންލައިންކޮށް ހާމަކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ. މި ތުހުމަތުތަކާ އެކު އެތައް ދަރިވަރުންނަކާއި ޔުނިވާސިޓީގެ ސްޓާފުންތަކެއް ވަނީ ދަރިވަރުގެ ކޮޓަރިއަށް ވަދެ އޭނާ ނެރެ ހަމަލާދީފަ އެވެ.
އެކަމަކު ފުލުހުންގެ ތަހުގީގުން އެނގިފައި ވަނީ ދީނާ ދެކޮޅު އެއްވެސް ކަމެއް ދަރިވަރު ނުކުރާ ކަމަށެވެ.
ސްކޫލް ދަރިވަރުގެ މަރުގެ ޝަރީއަތުގައި ހުކުމް ކުރުން ކުރިއަށް ދިޔައީ ހައިޕޫރުގެ ސެންޓްރަލް ޖަލުގަ އެވެ. އެއީ ސަލާމަތީ ސަބަބުތަކަކަށްޓަކަ އެވެ. ޖަލުގެ ވަށައިގެން ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ދަރިވަރުގެ މަރާ ގުޅިގެން އެކެއްގެ މައްޗަށް މަރުގެ ހުކުމް ކުރި އިރު ފަސް މީހަކު ވަނީ އުމުރަށް ޖަލަށްލައިފަ އެވެ. އަދި 25 މީހެއްގެ މައްޗަށް ވަނީ ލުއި އަދަބުތައް ކަނޑައަޅައިފަ އެވެ. ސައްބީސް މީހަކު ވަނީ ކުށް ސާބިތު ނުވެގެން ދޫކޮށްލައިފަ އެވެ.