އާލިއާ އާއި ރަންބީރުގެ ފިލްމާއެކު ލޯބީގެ ވާހަކަތަކެއް
އާލިއާ އާއި ރަންބީރުގެ ފިލްމާއެކު ލޯބީގެ ވާހަކަތަކެއް

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ބްރަހްމަޝްތުރަ"ގެ ޝޫޓިން ނުވެސް ފެށެނީސް މި ދެ ތަރިންގެ ލޯބީގެ ވާހަކަތައް ދެކެވެން ފަށައިފި އެވެ. މި ވާހަކަތައް ފެށިފައި މިވަނީ ފިލްމު ފެށުމުގެ ގޮތުން ވަމުންދާ ތައްޔާރީތަކުގައި މި ދެ ތަރިން އެކުގައި މާ ގިނައިން ފެންނަން ފެށީމަ އެވެ. އަދި ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި ބޮލީވުޑްގެ އެކި ހަފުލާތަކާއި އިވެންޓްތަކުން ވެސް މި ދެ ތަރިން އެކުގައި އުޅޭތަން ފެނިފައި ވާތީ އެވެ.

ބޮލީވުޑް ގިނަ ތަރިންނަށް އެންމެ މަގުބޫލު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ވެސް ބުނަނީ މިއަހަރު ތެރޭގައި ލޯބީގެ ގޮތުން ގުޅޭނެ ކަމަށް އޭނާ އަށް އެންމެ ބޮޑަށް ލަފާކުރެވޭ ދެ ތަރިންނަކީ އާލިއާ އާއި ރަންބީރު ކަމަށެވެ.

ނެހާ ދޫޕިއާ ހޯސްޓްކުރާ ވޯގް ބީއެފްއެފްސް ގައި ގާތް އެކުވެރިޔާ ސޮނަކްޝީ ސިންހާއާ އެކު މަނީޝް ބައިވެރިވެ ޝޯގެ ހޯސްޓް ކުރި ރެޕިޑް ފަޔާ ސުވާލުތަކަކަށް ޖަވާބު ދެމުން މަނީޝް ބުނީ މިއަހަރު ތެރޭގައި ލޯބީގެ ގުޅުމެއް ބާއްވާނެކަމަށް އޭނާއަށް އެންމެ ބޮޑަށް ލަފާކުރެވެނީ އާލިއާ އާއި ރަންބީރު ކަމަށެވެ.

މި މަހުގެ ތެރޭގައި "ބްރަހްމަޝްތުރަ"ގެ ޝޫޓިން އިޒްރޭލުގައި ފެށުމަށް ރަންބީރާއި އާލިއާ އެ ގައުމަށް ދާނެ އެވެ.

މީގެ ކުރިން ރަންބީރު ވަނީ ކެޓުރީނާ ކައިފް އާ ރައްޓެހިވެގެން ހަ އަހަރަށް ވުރެ ގިނަ ދުވަހު އުޅެފަ އެވެ. އާލިއާ އާއި ސިދާރްތު މަލްހޯތުރާގެ ލޯބީގެ ވާހަކަތައް ދެ ތިން އަހަރެއް ވަންދެން ދެކެވުނެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނަނީ މި ދެ ތަރިން ރުޅިވެފައިވާ ކަމަށެވެ.

އާލިއާ އާއި ރަންބީރުގެ ލޯބީގެ ވާހަކަތައް ފަތުރަނީ އެމީހުންގެ ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން ކަމަށާއި އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.