އަކްޝޭ ކުމާރުގެ "ޕެޑް މޭން" ޗެލެންޖް ވައިގައި ހިފައިފި
އަކްޝޭ ކުމާރުގެ "ޕެޑް މޭން" ޗެލެންޖް ވައިގައި ހިފައިފި

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އަކްޝޭ ކުމާރުގެ ޕެޑްމޭންގެ ކެމްޕެއިންގައި ހިންގާ "ޕެޑްމޭންޗެލެންޖް" ވަރަށް ބޮޑަށް ވައިގައި ހިފައިފި އެވެ.

"ޕެޑްމޭންޗެލެންޖް" ފެށުމުގެ ގޮތުން ފިލްމުގެ ބަތަލު އަކްޝޭ ކުމާރު ވަނީ ސެނިޓަރީ ޕެޑެއް ހިފައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް ޓުވީޓްކޮށްފަ އެވެ.

"އަހަރެންގެ އަތުގައި މިއޮތީ ޕެޑެއް. މިއީ އެއްގޮތަކަށް ވެސް ލަދުގަންނަން ޖެހޭ ވަރުގެ އެއްޗެއް ނޫން. ޕީރިއަޑް އަކީ ގުދުރަތީ ކަމެއް،" އަކްޝޭގެ ޓުވީޓްގައި ލިޔެފައިވެ އެވެ.

މި ކެމްޕެއިންގައި ބުނަނީ ކޮންމެ މީހަކުވެސް ސެނިޓަރީ ޕެޑެއް ހިފައިގެން ހުރެ ފޮޓޯއެއް ނަގާފައި ސޯޝަލް މީޑިއާގައި ޝެއާ ކުރުށެވެ. އަދި އެމީހުންގެ އެކުވެރިން ވެސް އެކަން ކުރަން ނޮމިނޭޓް ކުރުމަށެވެ.

އާމިރު ޚާން، އާލިއާ ބަޓް، ދީޕިކާ ޕަދުކޯން ފަދަ ވަރަށް ގިނަ ފިލްމީ ތަރިން ވަނީ މި ކެމްޕެއިންގައި ބައިވެރިވެފަ އެވެ.

މީގެ އިތުރުން އަކްޝޭ ވަނީ ގުޖްރާތުގެ ސްކޫލެއްގެ ކުދިންނަށް "ޕެޑް މޭން"ގެ ޚާއްސަ ސްކްރީނިން އެއް ބާއްވާފަ އެވެ. މި ފިލްމު ބެލުމަށް ގުޖްރާތުގެ ޗީފް މިނިސްޓަރު ވެސް ސްކޫލަށް ވަޑައިގެންނެވި އެވެ.

މި ފިލްމުގެ ވާހަކަ މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ މިންވަރުން އާއްމުކޮށް ހިންދީ ފިލްމު ނާޅުވާ ގައުމުތަކުން ވެސް ފިލްމު ރިލީޒްކުރާ ދުވަހު އެ ގައުމުތަކުގައި ވެސް ފިލްމު ދައްކަން ބޭނުންވެގެން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް އަކްޝޭ ބުންޏެވެ. އެގޮތުން އިންޑިއާގައި ފިލްމު ރިލީޒްކުރާ ދުވަސް ކަމަށްވާ މި މަހުގެ 9 ގައި ރަޝިޔާގައި ވެސް ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ ކަމަށް އަކްޝޭ ބުންޏެވެ.

ފިލްމުގެ ފޯރި ގަދަވެފައިވާ މިންވަރަށް ބަލާއިރު ވަރަށް ރަނގަޅު ވިޔަފާރިއެއް މި ފިލްމަށް ވާނެކަމަށް މިހާރުވެސް ޓްރޭޑް އެނަލިސްޓުން ބުނެފައިވެ އެވެ. އަދި މިއީ އަކްޝޭގެ ބްލޮކްބަސްޓާ ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ ފިލްމެއް ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަކްޝޭގެ ފިލްމުތަކުގެ ތެރެއިން މި ފަހަކަށް އައިސް ނުކުތް ހުރިހާ ފިލްމުތަކެއް ވެސް ވަނީ ހިޓްވެފަ އެވެ. އޭނާގެ ފިލްމުތަކަށް އެހާ ބޮޑު ތަރުހީބެއް ލިބެނީ އާދައިގެ ބޮލީވުޑް ފިލްމުތަކާ ތަފާތު ގޮތްތަކެއް އެ ފިލްމުތަކުގައި ހުންނާތީ އެވެ.

އަކްޝޭގެ ފަހުގެ ގިނަ ފިލްމުތައް ހުންނަނީ މުޖުތަމައުގައި ހުންނަ މައްސަލަތަކަށް ބިނާކޮށްފަ އެވެ. އޭނާގެ އެންމެ ފަހު ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އަކީ އިންޑިއާގެ ރަށްފުށު ހިސާބުގައި ގޭގައި ފާޚާނާކުރެވޭނެ ގޮތް ނުހުންނާތީ މީހުންނަށް އުފުލަންޖެހޭ ތަކުލީފުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އަދި "ޕެޑް މޭން" އަކީ މައްސަރުކަންތައް ޖެހުމާ ގުޅޭ ގޮތުންނާއި ސެނިޓަރީ ޕެޑްސްގެ މުހިއްމު ކަމާ މެދު ހޭލުންތެރި ކުރުވުމަށް އުފައްދާފައިވާ ފިލްމެކެވެ.

"ޕެޑްމޭން" އަކީ އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ބަތަލާއިންގެ ގޮތުގައި ސޯނަމް ކަޕޫރާއި ރާދިކާ އަޕްޓޭ މި ފިލްމުގައި ހަރަކާތްތެރި ވެއެވެ.