07 ފެބުރުއަރީ 2018 - 12:17

ލަންޑަން (ފެބްރުއަރީ 7) - ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް ހައްޔަރު ކުރަން ލަންޑަނުގެ ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ކާމިޔާބުވާ ގޮތެއް ނުވި އެވެ.
އަސާންޖް، 46، ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީން ހިމާޔަތް ހޯދައިފަ އެވެ. އެމްބަސީން ނުކުމެއްޖެ ނަމަ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ގޯނާ ކުރުމުގެ މައްސަލާގައި ސްވިޑަންއާ ހަވާލު ކުރުމުގެ ބިރު ބޮޑެވެ.
އަސާންޖުގެ ވަކީލުން ލަންޑަނުގެ ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓުގައި މިދިޔަ ހަފުތާގައި ބުނެފައި ވަނީ ސްވިޑަންގެ ޕްރޮސެކިއުޓަރުން އަޖާންސްގެ މައްސަލަ މިދިޔަ އަހަރު ދޫކޮށްލާފައިވާތީ އޭނާގެ މައްޗަށް ނެރެފައިވާ ހައްޔަރު ކުރުމުގެ އަމުރުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ. އެކަމަކު ކޯޓުން ބުނެފައި ވަނީ ސްވިޑަން އިން މައްސަލަ ދޫކޮށްލި ނަމަވެސް ކޯޓަށް ހާޒިރުވުމުގެ އަމުރަކާ އަސާންޖް ޚިލާފުވެފައިވާ ކަމަށެވެ. އެކަމަކު ބަންދުގައި އަސާންޖް ބެހެއްޓުމަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތްތޯ ބެލުމަށް ކޯޓުން މި މަހު 13 ވަނަ ދުވަހު ގޮތެއް ނިންމާނެ އެވެ.
އިކުއެޑޯގެ ރައީސްކަމާ މިދިޔަ މެއި މަހު ހަވާލުވި ލެނިން މޮރެނޯ ވިދާޅުވެފައި ވަނީ ކޯޓުގެ ނިންމުމުން އިކުއެޑޯގެ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށެވެ. އިކުއެޑޯގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އިނގިރޭސި ވިލާތާ ގުޅިގެން ދެ ފަރާތަށް ވެސް މަސްލަހަތު ހުރި ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޮސްޓްރޭލިއާ އަށް އުފަން އަސާންޖަށް އިކުއެޑޯ އިން ޑިސެމްބަރު މަހު ވަނީ ރައްވެހިކަން ދީފަ އެވެ. އަދި އަސާންޖަކީ ޑިޕްލޮމެޓަށް ގޮތަށް ބަލައިގަތުމަށް އިނގިރޭސި ވިލާތަށް ވަނީ ގޮވާލައިފަ އެވެ.
އަސާންޖަށް ޑިޕްލޮމެޓިކް ހައިސިއްޔަތު ދިނުމަށް އިނގިރޭސި ސަރުކާރުން ވަނީ މިދިޔަ މަހު ކުރީކޮޅު ދެކޮޅު ހަދައިފަ އެވެ. އަދި އިންސާފާ ކުރިމަތިލުމަށް އެމްބަސީން ނުކުތުމަށް އޭނާ އަށް ވަނީ ގޮވާލައިފަ އެވެ.
އަސާންޖުގެ ވަކީލް މާކް ސަމާސް ވިދާޅުވީ އަސާންޖް މިހާރު ހުރީ "ޖަލު ބަންދެއްގައި" ކަމަށާއި ނަފްސާނީ ގޮތުން އޭނާގެ ސިއްހީ ހާލަތު ދަށްވެފައިވާ ކަމަށެވެ.
އެމްބަސީން ނުކުމެއްޖެ ނަމަ އަސާންޖް އެމެރިކާއާ ހަވާލު ނުކުރާނެ ކަމުގެ ގެރެންޓީ އިނގިރޭސި ވިލާތުން ދީފައެއް ނުވެ އެވެ. އަސާންޖް ބުނެފައި ވަނީ އޭނާ ސްވިޑަން އަށް ފޮނުވައިފި ނަމަ އެ ގައުމުން އޭނާ އެމެރިކާއާ ހަވާލުކޮށްފާނެ ކަމަށެވެ.
އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަން މިދިޔަ އެޕްރީލް މަހު ވަނީ ސިއްރު މައުލޫމާތުތައް ވިކިލީކްސް މެދުވެރިކޮށް ބޭޒާރުކޮށްލާފައިވާތީ އަސާންޖް ހައްޔަރު ކުރުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށް ވިދާޅުވެފަ އެވެ.