ޕޯޗުގަލްގެ ޔާއޯ މާރިއޯ ފެނުން ގާތީ އިންޓަ އިން
ޕޯޗުގަލްގެ ޔާއޯ މާރިއޯ ފެނުން ގާތީ އިންޓަ އިން

ލިސްބަން (ޖުލައި 14) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް އިން ވިދާލި ޔާއޯ މާރިއޯ އަންނަ ސީޒަނުގައި އެންމެ ފެނުން ގާތީ އިޓަލީގެ އިންޓަ މިލާނުން ކަމަށް އޭނާގެ ބައްޕަ ރޮޒާރިއޯ ބުނެފި އެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަށް ކުޅޭ އުމުރުން 23 އަހަރުގެ ޔާއޯ މާރިއޯ އަކީ މިފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލް އަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ރޮޒާރިއޯ ބުނީ ޔާއޯ މާރިއޯގެ މުސްތަގުބަލަށް ބަލާއިރު އެންމެ ރަނގަޅު ނިންމުމަކަށް ވާނީ އިޓަލީގެ ކްލަބަކާ ގުޅުން ކަމަށެވެ.

"ސެރިއާ އަކީ ވަރަށް ތަފާތު ލީގެއް. ޔުވެންޓަސް، އިންޓަ، އޭއެސް ރޯމާ އަދި މިލާނަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ ކުޅެފައި. ޔާއޯ މާރިއޯ ވެސް ކުޅެން ބޭނުންވަނީ އިޓަލީ ލީގުގައި. އިންޓަ އިން ފެނުން ގާތް. އެ ޓީމުން ވަނީ ހުށަހެޅުމެއް ލިބިފައި،" ރޮޒާރިއޯ ބުންޏެވެ.

އޭނާ ބުނީ ޔާއޯ މާރިއޯގެ މުސްތަގުބަލާ ގުޅޭގޮތުން ސްޕޯޓިންއާ މަޝްވަރާ ކުރުމަށް ފަހު ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ޔާއޯ މާރިއޯ ޔޫތު ކެރިއަރު ފެށީ 2002 ވަނަ އަހަރު ޕޯޓޯ އިންނެވެ. އޭނާ ސްޕޯޓިން އަށް ބަދަލުވީ 2004 ވަނަ އަހަރު އެވެ. އެ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުމަށް ފަހު 2014 ވަނަ އަހަރުގެ ސީޒަނުގައި އޭނާ ލޯން އެއްބަސްވުމެއްގެ ދަށުން ވަނީ ވިޓޯރިއާ އެފްސީ އަށް ކުޅެފަ އެވެ.

ޕޯޗުގަލްގެ ޔޫތު ލެވެލް ހުރިހާ އުމުރުފުރާގެ ގައުމީ ޓީމަަކަށް ކުޅުމަށް ފަހު އޭނާ ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅުނީ 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ފްރާންސާ ދެކޮޅަށެވެ.

ޔާއޯ މާރިއޯ ހޯދަން ޗެލްސީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީ އިން އޭނާ އަށް 40 މިލިއަން ޕައުންޑުގެ ބިޑެއް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.